ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މީޑިއާ ކޮންޓްރޯލު ބިލު މަޖިލިސް ކޮމިޓީން ފާސްކޮށްފި

ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާތަކުގެ އެތައް ކަންބޮޑުވުންތަކެއް ހުށަހަޅާފައި ވަނިކޮށް އޭގެއިން އެއްވެސް ކަންބޮޑުވުމަކަށް ރިޢާޔަތްނުކޮށް "މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި އެ ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ މީޑިއާ ބިލު ފާސްކުރަން ފެންނަ ކަމަށް ނިންމައި މަޖިލިސް ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވަނީ މި ބިލަށް ގިނަ އަދަދެއްގެ އިސްލާހު ހުށަހަޅުއްވާފައެވެ. ނަމަވެސް މި އިސްލާހުތަކަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ކޮމިޓީން ދިނީ ބީރު ކަންފަތެކެވެ. އަދި މީޑިއާ ބިލު ބޭރުކޮށްލުމަށް ނޫސްވެރިން ހުށަހެޅި ޕެޓިޝަނާ މެދު އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮޮށް ބިލުގެ ވޯޓަށް އަހައި ބިލުގެ މަސައްކަތް އަވަހަށް ނިންމާލުމަށް ކޮމިޓީގެ ރިޔާސަތުން މަސައްކަތް ކުރި މަންޒަރު ފެނިގެންދިޔައެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ޖުމްލަކޮށް ހުރީ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ މާއްދާތައް ކަމުގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްވީ ތަޖުރިބާކާރުންނާއި ޤާނޫނީ ވަކީލުން ދިޔައީ ތަކުރާރުކޮށް ބުނެ އަޑު އުފުލަމުންނެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީއްސުރެ ވަކި ވަކި ނޫސްވެރިންނާއި މިނިވަންކަމާއެކު މަސައްކަތްކުރާ މީޑިއާތައް ދިޔައީ މި ބިލާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލިސް އިދާރާގެ ކައިރީގައްޔާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރީގައި ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މި އިހުތިޖާޖުތަކުގައި 4 ނޫސްވެރިއަކު ފުލުހުންގެ ހައްޔަރަށްވެސް ގެންދިޔައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ބިލުގެ މަސައްކަތް ނިންމާލަން އުޅުމުން އިދިކޮޅު މެންބަރުންނާއި އަޑުއަހަން ވަދެތިބި ނޫސްވެރިން ވަނީ އެކަމާއި ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އަދި އެ ގަޑީގައި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފު ވަނީ މޭޒުމަތީގައި އިން މައިކަކަށް ގެއްލުންދީ ހަލާކުކޮށްލާފައެވެ.
މިއަދު މިނިވަން މުވައްސަސާ ކޮމިޓީއަށް ވަނީ ކުއްލި ބަދަލެއް ގެނެސް ޕީއެންސީގެ ބައެއް ސީނިއާ މެންބަރުން އިތުރުކޮށްފައެވެ. މިގޮތުން ކޮމިޓީއާއި އަލަށް ގުޅިވަޑައިގަތް މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަހުމޫދުއާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުޙައްމަދު އެވެ.
ކޮމިޓީން ވަކިކޮށްފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް އެވެ. މި ބަދަލުތައް ކޮމިޓީއަށް ގެންނަ ކަމުގެ މަޢުލޫމާތު ކުރިން އަންގާފައި ނުވާކަމަށް ވިދާޅުވެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރިއެކްޓް



