ސިޔާސީ , ޚަބަރު

އެއާޕޯޓު ޓާމިނަލުގެ ބޮޑުބައި ނިންމީ ރައީސް ސާލިހުގެ ވެރިކަމުގައި: ރައީސް ޔާމީން

އޮގަސްޓް 21, 2025 - 23:26
 0
އެއާޕޯޓު ޓާމިނަލުގެ ބޮޑުބައި ނިންމީ ރައީސް ސާލިހުގެ ވެރިކަމުގައި: ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް -- ފޮޓޯ: ވިރާސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތުގެ 90 އިންސައްތަ ނިންމާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި "ވޭކް އަޕް" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއާޕޯޓު ޓާމިނަލުގެ މަސައްކަތް ނުނިމި އޮތީ އެންމެ މިލިއަނެއްހާ ޑޮލަރު ނުވަތަ ނަވާރަ މިލިއަން ރުފިޔާ ނުލިބިގެން ކަމަށް އެމްއޭސީއެލްގެ އިސްވެރިން ފާހަގަކުރައްވާފައިވާ ކަމަށެވެ.

"އިހަކަށްދުވަހު ޚަލީލު ވިދާޅީ، ކުރީގެ ސަރުކާރަށް ޓަރމިނަލް ނުނިންމުނީ އެންމެ މިލިއަނެއްހާ ޑޮލަރު ނުލިބިގެންނޭ. ނަވާރަ މިލިއަން ރުފިޔާ ނުލިބިގެންނޭ ނުނިންމި އޮތީ. ޓާމިނަލުގެ ނިންމުމުގެ ބޮޑު މަސައްކަތް ކުރައްވާފައި އޮތީ އިބްރާހިމް މުޙައްމަދު ޞާލިޙް. އެއީ ޞާލިޙްގެ ވެރިކަމާ މިކަން ދިމާވީ. އެހެންވީމާ، ޓަރމިނަލްގައި ގާތްގަނޑަކަށް ނުވަދިހަ ޕަސެންޓް މަސައްކަތް އެ އޮތީ އޭރު ނިމިފައި" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތުގެ ހައްޤު ކްރެޑިޓް ރައީސް ސާލިހަށް ދެއްވަމުން ޔާމީން ވިދަޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި އެއާޕޯޓު ޓާމިނަލުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވާ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕަށް މަސައްކަތް ނުކުރެވި ލަސްވި ސަބަބުތައް ރައްޔިތުންނާއި ހާމަކުރެއްވިއެވެ. ޔާމީން ވިދާޅުވީ ޓާމިނަލުގެ މަސައްކަތް ލަސްވީ މައްކާގައި އެ ކުންފުނީގެ ކްރޭނެއް ވެއްޓި ހާދިސާގައި ހައްޖާޖީންތަކަކަށް އަނިޔާވުމާ ގުޅިގެން ސައޫދީ ސަރުކާރުން އެ ކުންފުންޏަށް ފިޔަވަޅު އަޅާފައިވާތީ ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

"އެ މީހުންގެ ބޮޑު ކްރޭނެއް ވެއްޓިގެން ބައެއް ޙައްޖާޖީންނަށް ގެއްލުންވީ. އެކަމާ ހެދި ސަޢޫދީ ސަރުކާރުން ބިންލާދިން ގުރޫޕު ސެންކްޝަންކުރީ. ދިގު ވެގެންދިޔަ، ތަޙުޤީޤެއް ދިޔަ. ދޮޅު އަހަރު ވަންދެން އެއްވެސް މަސައްކަތެއް އެ މީހުންނާ ހަވާލުނުކުރީ ބިންލާދިން ގުރޫޕާ. މިދެންނެވި ކަންތައް ވެގެން. އެހެންވެގެން ރާއްޖޭގެ އެއަރޕޯޓުގެ މަސައްކަތް، ޓާމިނަލުގެ މަސައްކަތް ލަސްވެގެންދިޔައީ." ކަން ވީ ގޮތް ސާފުކޮށްދެއްވަމުން ޔާމީން ވިދާޅުވިއެވެ.

ޕީއެންއެފްއިން އެޕާޓީގެ ފެންޑާއިން ނުކުމެ ބޭއްވި މިއީ ފުރަތަމަ އިވެންޓެވެ. ޕީއެންއެފްގެ ހަރަކާތްތަކަށް ސިޔާސީ ގޮތުން ފާޑުވިދާޅުވާ ބޭފުޅުންނަށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީ ހަރަކާތް ފެންޑާއިން ބޭރުގައި ނުބާއްވަނީ މީހުން މަދުވެގެން ނޫންކަން މަންޒަރުން ދައްކަވާދެއްވާފައެވެ. މިރޭގެ "ވޭކް އަޕް" އިވެންޓުގައި 400 އެއްހާ ގޮނޑި އާޓިފިޝަލް ބީޗުގައި ޖަހާފައި ހުރިއިރު ހުރިހާ ގޮނޑިއެއްހެން ފުރި, ބައެއް ފަރާތްތަކުން ކޮޅަށް ވެސް ތިއްބެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިވެންޓުތަކުގައި ވެސް މީހުން ބައިވެރިވަނީ މިހާ ވަރަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0