ޚަބަރު

ރެސްކިއު އޮޕަރޭޝަނާ ގުޅިގެން މުންދު ބީބީސީއަށް ދެއްވީ ދޮގު މައުލޫމާތު: ޝަފްރާޒް

17 މޭ 2026 - 10:03
 1
ރެސްކިއު އޮޕަރޭޝަނާ ގުޅިގެން މުންދު ބީބީސީއަށް ދެއްވީ ދޮގު މައުލޫމާތު: ޝަފްރާޒް
އާޓްވޯކް، ނިއުޔޯކް ޕޯސްޓް

ވ. އަތޮޅުގައި ގެއްލުނު ފަތުރުވެރިން ހޯދުމަށް ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ބީބީސީއަށް ދެއްވި މައުލޫމާތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ބުނެފިއެވެ.

މިކަމާ ގުޅިގެން ޝަފްރާޒް ކުރި އެކްސް ޕޯސްޓެއްގައި ބުނީ، ބީބީސީ ވޯލްޑަށް ދިން އިންޓަވިއުއެއްގައި، އިޓަލީ ސަރުކާރުން ދީފައިވާ ހާއްސަ އިކުއިޕްމަންޓް ބޭނުންކޮށްގެން ކޯސްޓްގާޑް ޑައިވަރުން މަސައްކަތް ކުރަމުންދާ ކަމަށް މުންދު ވިދާޅުވި ކަމަށް ބީބީސީގެ އިންޓަވިއު ކުރި ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއީ ބޮޑު ދޮގެއް ކަމަށް 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޝަފްރާޒް ވަނީ ފާހަގަކޮށްފައެވެ.

ޝަފްރާޒް އިތުރަށް ބުނެފައިވަނީ، އެމްއެންޑީއެފްގެ ޑައިވަރުންނަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. "ސިޔާސީ މީހުން ކަންކަމުގެ ތެރެއަށް އަތްބާނާ މިންވަރު ގަބޫލުކުރަންވެސް ދަތި،" ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައި، މަރުވެފައިވާ މީހުންގެ ހަށިގަނޑު ހޯދުމަށް އެފަދަ ނުރައްކާތެރި "އޯޑަރެއް" ދިނީ ކޮން ފަރާތަކުންތޯ ހޯދަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރު ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. މަހުދީ ނިޔާވީ އަލިމަތާ ކައިރިން 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ޝަފްރާޒް ނައީމަކީ އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ، ފުނަށް ފީނުމުގެ 2 ރިކޯޑެއް އޮތް ފުންނާބު އުސް ޓެކްނިކަލް ޑައިވަރެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 4
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 0
މަޖާ މަޖާ 3