2.4 ބިލިޔަނުގެ ބޮންޑުގެ މައްސަލާގައި ޕެންޝަން އޮފީހުގެ އިތުރު ތިން މުވައްޒަފަކު އިސްތިއުފާދީފި
ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާއިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާލައި، އެ ފައިސާ ސަރުކާރުން ވިއްކާ ބޮންޑަކަށް ބަދަލުކުރުމަށް ނިންމި މައްސަލައިގައި ޕެންޝަން އޮފީހުގެ އިތުރު ތިން އިސް މުވައްޒަފަކު މިއަދު މަގާމުން އިސްތިއުފާ ދީފިއެވެ.
މިއާއެކު މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ މެނޭޖުމަންޓް ފަންތިން އިސްތިއުފާ ދެއްވި ބޭފުޅުންގެ އަދަދު މިވަނީ ފަހަކަށް އަރާފައެވެ.
މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުالله ފިކުރީ އާއި، އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރު އައިމިނަތު އިރުތިޔާޝާގެ އިތުރުން ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސް ހައިފާ އަހުމަދެވެ.
މީގެ ކުރިން އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ މި މައްސަލައިގެ ތެރެއިން މަގާމުން ވަކިވެވަޑައިގެންފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުއާމަލާތަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ދިނުމަށާއި ދައުލަތުގެ ދެކޮޅު ނުޖެހޭ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން މަޖުބޫރުކޮށްގެން ހިންގާ ކަމެކެވެ. ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި ޓީ-ބިލުތައް މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ މިހާރު އިންވެސްޓް ކުރަނީ ސަރުކާރުން އަލަށް ތައާރަފްކުރި 'ރިވާސް ޑުއަލް ކަރަންސީ ބޮންޑު' އަށެވެ. މިއީ މީގެ ކުރިން ރާއްޖޭގައި އަމަލުކޮށްފައިވާ އުސޫލެއް ނޫނެވެ.
އިގްތިސާދީ މާހިރުންނާއި ޕެންޝަން އޮފީހުގެ ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒް ފަދަ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި، މިއީ ގާނޫނީ ބާގަނޑުތަކެއްގެ ބޭނުން ހިފައިގެން ސަރުކާރުން ފައިސާ ޗާޕުކުރުމަށް ހިންގާ ނުރައްކާތެރި މުއާމަލާތެކެވެ.
ރައްޔިތުން މުސްކުޅިވާ ދުވަހު ބޭނުންކުރަން ރައްކާކޮށްފައިވާ ފަންޑު ބޭނުންކޮށްގެން ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަކީ މުޅި އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ބޭފުޅުން ސިފަކުރައްވައެވެ.
ޕެންޝަން އޮފީހުން މި މުއާމަލާތަކީ ފައިދާހުރި ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، ފަންޑުގެ 70 އިންސައްތައަށް ވުރެ ބޮޑު ބައެއް މިހާރު ވެސް ހުރީ ސަރުކާރުގެ ސެކިއުރިޓީތަކުގައެވެ. ޖުމްލަ 29.4 ބިލިއަން ރުފިޔާގެ ފަންޑުގެ ތެރެއިން 22.8 ބިލިއަން ރުފިޔާ ޓީ-ބިލުގެ ގޮތުގައެވެ. މިއީ އެއް ތަނަކަށް މާބޮޑަށް ބަރޯސާވެފައި އޮތް އިންވެސްޓްމަންޓްތަކެއް ކަމުން މިއީ ފަންޑުގެ ރައްކާތެރިކަން ގެއްލޭ ކަމެއް ކަމަށް މާހިރުން ފާހަނގަ ކުރެއެވެ..
މިދިޔަ އަހަރު އެކަނިވެސް ފަންޑަށް ވަން 3.1 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް އިންވެސްޓްކޮށްފައިވަނީ ސަރުކާރަށެވެ. މިއަދުގެ ވަގުތެއްގައި މި 2.4 ބިލިއަންގެ ބޮންޑު މުއާމަލާތް ނިންމުމަށް ސަރުކާރުން ބާރުއަޅަމުންދާއިރު، މިއީ ފަންޑުގެ މިނިވަންކަން ގެއްލި ސަރުކާރުގެ 'ގައުލަޕް' އެއްގެ ގޮތުގައި ޕެންޝަން ފަންޑު ބޭނުންކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ފައިސާ ހޯދުމަށްޓަކައި ޕެންޝަން ފަންޑުގެ އުސޫލުތަކަށް ބަދަލު ގެނައުމަކީ ކުރިމަގުގައި ޕެންޝަން ފައިސާ ލިބުމަށް އޮތް ހުރަހަކަށް ވެދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ.






ރިއެކްޓް