މުއިއްޒަކީ މި ގައުމު ދުށް އެންމެ ނާގާބިލު ރައީސް: ފައްޔާޒު
ރައީސް ޑރ. މުއިއްޒަކީ މި ގައުމު ދުށް އެންމެ ނާގާބިލު ރައީސް ކަމަށް ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ޑޮލަރުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި އެމެރިކާ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ރެކޯޑް މިންވަރެއް ކަމަށްވާ 21.44 އަށް އަރައި، އިތުރަށް އުފުލެމުންދާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޣައިރު ގާނޫނީ މާކެޓް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން 2.4 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޗާޕުކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި މިހާ ގިނަ އަދަދެއްގެ ރުފިޔާ ޗާޕުކުރުމަކީ ޑޮލަރުގެ އަގު މީގެ ކުރިން ދުވަހަކުވެސް ނުދާހާ ނުރައްކާތެރި މިންވަރަކަށް އުފުލިގެންދާނެ ކަމެއް ކަމަށް ފައްޔާޒު އިންޒާރު ދެއްވިއެވެ.
"ރައީސް މުއިއްޒު ގެންދަވަނީ އެއް ގޯސް މައްޗަށް އަނެއް ގޯސް ހައްދަވައި، ގައުމުގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެއްވަމުންނެވެ. މިކަމުގައި ދާއިރާގެ މާހިރުންގެ ލަފަޔާއި އިރުޝާދަށް އެމަނިކުފާނު އެއްވެސް ފަރުވާލެއް ނުބަހައްޓަވާކަން ވަރަށް ސާފެވެ،" ފައްޔާޒު ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމުގެ މަޝްރޫއާ ގުޅިގެން މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި ސީނިއާ މެނޭޖްމަންޓުގެ ދިހަވަރަކަށް ބޭފުޅުން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ފައްޔާޒު ހާމަކުރެއްވިއެވެ. އަދި މި ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން އިތުރު ފަންނީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، މުއިއްޒަކީ މި ގައުމު ދުށް އެންމެ ގާބިލުކަން ކުޑަ ރައީސް ކަމަށާއި، ނުވަތަ މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ގެއްލުން އެނގިހުރެ ގަސްދުގައި ކުރައްވާ ކަމެއް ކަމަށެވެ. މިކަންކަމުގެ ސަބަބުން ރައީސާއި ސަރުކާރުގެ ގާބިލުކަމަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






ރިއެކްޓް