ގައްދޫ ކައިރީ އޮންނަ ފަޅުރަށަކަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ
ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާ ނަމަކަށް ކިޔާ ފަޅު ރަށަކަށް ދިޔަ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ގައްދޫއަށް ނިސްބަތްވާ ފިރިހެނެކެވެ.
ގައްދޫ ކައުންސިލްގެ ރައީސް 'ވިރާސި' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ލޮނަދޫހުއްޓާއަށް ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކައުންސިލާއި ގައްދޫ ޕޮލިސް ސްޓޭޝަނާއި ރައްޔިތުން ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. ލޮނަދޫހުއްޓާއަކީ ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުން ރަށުން ފުރީ މަސްވެރިކަން ކުރުމަށެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އެ މީހުން އެ ރަށަށް ފޭބީ މިއަދު މެންދުރުފަހު 14:00 ހާއިރު ކަމަށްވެސް މައުލޫމާތު ލިބެއެވެ. ފޭބި ވަކި ސަބަބެއް ސީދާ ސާފެއް ނުވެއެވެ.
އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހަވީރު 15:00 ހާއިރުއެވެ. ނަމަވެސް، ގައްދޫ ކައުންސިލަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:25 ހާއިރު ކަމަށް ކައުންސިލުން ބުނެއެވެ.
ފުލުހުންނާއި ރަށުގެ ބައެއް މީހުން މިހާރު އެރަށަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.






ރިއެކްޓް