މިރޭ އޮތް އާޖެންޓީނާ މެޗަށް ފަހު މަގުމަތަކަށް އެއްނުވާން ފުލުހުން އަންގައިފި
މިރޭ ކުޅުމަށް ހަމަޖެހިފައިވާ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗަށްފަހު، އާންމު އަމާންކަން ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި މަގުމަތީގައި ބައިބަޔަށް އެއްވެ ނޫޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ހާއްސަކޮށް ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. އަދި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވަނީ އަންގާފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ "މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ" ކަމަށެވެ. އެހެންކަމުން މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ ބާރުއަޅާފައެވެ.






ރިއެކްޓް