ސިޔާސީ , ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަހުރި، މަސައްކަތް ވެސް އެބަ ކުރަން: ފައިސަލް

10 ޖުލައި 2026 - 16:04
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަހުރި، މަސައްކަތް ވެސް އެބަ ކުރަން: ފައިސަލް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ "އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި ކަމަށާއި، އެ ޝައުގުވެރިކަން ނެތް ކަމަށް ބުންޏަސް އެކަން ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ. "އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،" ފައިސަލް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންގެ ކައިރީގައި ދައްކާ ވާހަކަތައް ފުއްދައިދެވޭނެ ގޮތަކީ ކޮބައިކަން ބަލަންޖެހޭ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކަށް ޕާޓީން އިޖާބަދޭން ޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، ކުރިއަށް އޮތް އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ފަރާތުން ކޮންމެ ބޭފުޅަކު ނުކުތް ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި މުޅި ޕާޓީ އޮތުން މަޖުބޫރު ކަމަށް ފައިސަލް ވިދާޅުވިއެވެ.

ނައިބުރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް ގައުމަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކެއް ހުރިކަން ފައިސަލް ހާމަކުރެއްވިއެވެ. އެގޮތުން އެ އުއްމީދުތައް ހާސިލުކުރުމަށްޓަކައި އޭރުން ފެށިގެން މަސައްކަތްތަކެއް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0