ރައީސުންނަށް ސެކިއުރިޓީ ކަނޑާލަން އެމްއެންޑީއެފުން އެއްބަހެއް ނުވާނެ: ރައީސް ނަޝީދު
ކުރީގެ ރައީސުންނަށް މުޒާހަރަތާކުގައި ސެކިއުރިޓީ ކަނޑާލުމަކީ ސިޔާސީ ބޭނުމަކަށް ސިޔާސީ ވިސްނުމެއްގައި ކުރާ ކަމެއް ކަމަށާއި އެކަމަށް ރާއްޖޭގެ ސިފާޢީ ބާރު، އެމްއެންޑީއެފުން އެއްބަހެއް ނުވާނެ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދަިއން ވިދާޅުވީ މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ސިޔާސީ އެއްވުން ތަކަށް ޓެރަރިސްޓް ހަަމަލާ އައުން އެއީ ވަރަށް ގާތް ކަމެއް. އެއީ މިހާރުވެސް ހިނގާ ކަމެއް. ސިޔާސީ އެއްވުންތަކަށް ސަލާމަތީ ބާރުތަކުން ދޭ ސަލާމަތާއި ރައްކާތެރިކަން އުނިކޮށްފިއްޔާ އެއީ މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭ ވަރަށް ބޮޑު އުނި ކަމެއް. އެއީ އެއް ގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނުން. އަޅުގަނޑަށް ފެންނަ ތަނުގައި އެއީކީ އެމްއެންޑީއެފުން އެއްބަސްވާނެ ކަމެއް ނޫން." ރައީސުންނަށް ސެކިއުރިޓީ ކަނޑާލުމަށް މަޖިލީހުގެ 241 ކޮމިޓިން ނިންމާފަިއވާ ނިންމުމާމެދު ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ބިރެއް ދައްކައިގެން އެމަނިކުފާނު މުޒާހަރާއަށް ނުކުތުން ނުހުއްޓުވޭނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަކަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް" ސަމާސާ ރާގެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސުންނަށް މުޒާހަރާތަކުގައި ސެކިއުރިޓީ ދިނުން ހުއްޓާލުމަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.






ރިއެކްޓް