ސިޔާސީ , ޚަބަރު

ނަޝީދު ބޮލަށް ކުޑަ ނެންގެވި ފޮޓޯގެ ހަގީގަތް ފައްޔާޒު ކިޔައިދެއްވައިފި

26 ޖޫން 2026 - 19:02
 1
ނަޝީދު ބޮލަށް ކުޑަ ނެންގެވި ފޮޓޯގެ ހަގީގަތް ފައްޔާޒު ކިޔައިދެއްވައިފި
ފޮޓޯ: ކެމްޕެއިން ޓީމް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭން ދަތުރެއްގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮލަށް ކުޑަ ނަގައިގެން ހުންނެވި ފޮޓޯއަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ކުރީގެ އިގްތިސާދީ ވަޒީރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފިއެވެ. 

ފައްޔާޒު މިކަމުގެ ހަގީގަތް ހާމަކުރެއްވީ "ދައުރު" ނޫހުން ގެނެސްދޭ "އެއްބަސްވެ ދެބަސްވަމާ" ޕޮޑްކާސްޓުގައި މިއަދު ވާހަކަދައްކަވަމުންނެވެ.

މިކަމާ ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، އެއީ ކޮންސާނަކަށް ވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަމުން ވިދާޅުވީ، އެއީ ނަޝީދުގެ އަތްޕުޅުގައި އޮތް ކުޑައެއް ކަމަށާއި، ވާރޭ ވެހެން ފެށުމުން ނަޝީދު އެ ކުޑަ ފައްޔާޒާ ހަވާލުކުރެއްވީ ކަމަށެވެ. "ނަޝީދުގެ އަތްޕުޅުގައި އޮތް ކުޑައެއް، ވާރޭވެހެން ފެށީމާ ނަޝީދު އަޅުގަނޑު އެ ކުޑައިގެ ހިޔާގެ ތެރެއަށް ވެއްދެވީ. ދެން އަޅުގަނޑަކީ ކޮންމެވެސް ލަދެއް ހަޔާތެއް ހުރި މީހެއް، އަޅުގަނޑަކަށް ނުކެރޭނެ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ހިތް ކިޔަސް ރައީސް ނަޝީދުގެ ކުޑައިގެ ހިޔާ އަޅުގަނޑު އޭތި އަތުނުލާ ހުންނާކަން އިނގޭތޯ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު އަތްޕުޅަށް ކުޑަ ދެއްވައިގެން އޭގެ ހިޔަލުގައި ހުންނަން ކެރޭނެ މީހަކު ހުންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

މީގެ އިތުރުން، މިއީ ހަމައެކަނި ރައީސް ނަޝީދަށް ކުރެއްވި ކަމެއް ނޫން ކަމަށާއި، އޭނާއަށްވުރެ އުމުރުން ދޮށީ ނުވަތަ ސީނިއާ ކޮންމެ ބޭފުޅަކަށްވެސް އެ އިހުތިރާމް އަދާކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. "ރައީސް ނަޝީދެއް ނޫން، ރައީސް ސޯލިހެއްނޫން، ރައީސް މުއިއްޒު ވަޑައިގަތަސް އަޅުގަނޑު އެ ކުޑަ ދިއްކޮށްލާނަން" އޭނާ ވިދާޅުވިއެވެ.

އަދި އެއީ އަދަބު އިހުތިރާމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "އަޅުގަނޑު (ކޮޅަށްވެސް) ތެދުވާނެ ރައީސް މިތަނަށް މުޢިއްޒު ވަޑައިގެންފިއްޔާ. އަޅުގަނޑު އިށީނދެގެން ނީންނާނެ، އެއީ އަޅުގަނޑު ބޮޑުކޮށްފައި ހުރި ގޮތް، އެއީ ގޯހެއް ވިއްޔާ ގޯހެއް، އެ ބަދަލެއްވެސް އަޅުގަނޑު ނުކުރާނަން" ފައްޔާޒު ވިދާޅުވިއެވެ.

މި ފޮޓޯތައް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ރައީސް ނަޝީދުގެ އަމިއްލަފުޅު އަތްޕުޅުން ކުޑަ ނުނެންގެވެނީތޯ ސުވާލު އުފައްދައި، ފައްޔާޒު އެހާ ދަށަށް ވެއްޓުނީތީ ހިތާމަކުރާ ކަމަށް ބުނެފައެވެ.

ނަމަވެސް ފައްޔާޒު ވަނީ އެއީ އޭނާ ގަބޫލުކުރާ އުސޫލުތަކާއި ތަރުބިއްޔަތުގެ ބައެއް ކަމަށް ވިދާޅުވެ އެ ފާޑުކިޔުންތައް ރައްދު ދެއްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 6
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 4
މަޖާ މަޖާ 0