އެމްޑީޕީން 'ބޮޑު ބަދަލު' އޮފީހެއް ހުޅުވައިފި
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ މަސައްކަތްތަކުގެ ތެރެއަށް "ބޮޑު ބަދަލު" ގެ މަސައްކަތްތަށް އިތުރުކޮށް "ބޮޑު ބަދަލު" އޮފީސް އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި މިއަދު ރަސްމީކޮށް ޤާއިމުކޮށްފިއެވެ.
"ބޮޑު ބަދަލު" އަކީ ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި ރައީސް ނަޝީދު އިސްވެ ހުންނަވައި ހިންގަވާ ސިޔާސީ އިޞްލާޙީ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުން ހިމެނެއެވެ. އެގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާގެ މަސްއޫލިއްޔަތު ވަކިކޮށް، ދެ މަޤާމަކީވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ މަޤާމުތަކަކަށް ހެދުމަށް މި ހަރަކާތުން ވަކާލާތު ކުރެއެވެ.
މީގެ އިތުރުން، އެމްޑީޕީ ވަރުގަދަކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީ ތައްޔާރުކުރުމަކީވެސް މި ހަރަކާތުގެ މުހިންމު އަމާޒެކެވެ. މި މަސައްކަތުގެ ދަށުން ޕާޓީގެ ސަފުތައް ބަދަހިކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައްޔާޒް އިސްމާޢީލް ނެރުމަށް ބާރުއެޅުން ހިމެނެއެވެ.
އިޤްތިޞާދީ ދާއިރާއިން ބަލާއިރު، ރާއްޖޭގެ ދަރަނި މެނޭޖްކުރުމުގައި ރައްޔިތުންނަށް ދަތިނުވާނެ ފަދަ އައު ގޮތްތަކެއް ހޯދުމާއި، އިޤްތިޞާދީ އިޞްލާޙުތައް ގެނައުމަށްވެސް "ބޮޑު ބަދަލު" ހަރަކާތުން އިސްކަންދެއެވެ.
މިއޮފީހަކީ 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވާފައިވާ ނިންމުމަކާ ގުޅިގެން ހުޅުވި އޮފީހެކެވެ.
އެމްޑީޕީން ހާމަކުރި ގޮތުގައި މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އަލްއުސްތާޛް ޙަސަން ލަޠީފް އެވެ.






ރިއެކްޓް