ސިޔާސީ , ޚަބަރު

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތައް ފާސްކުރަން މަޖިލީހަށް

15 ޖޫން 2026 - 11:50
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތައް ފާސްކުރަން މަޖިލީހަށް

ސަރުކާރުގެ ބައެއް މިނިސްޓްރީ ނަންތަކާއި މަސައްކަތްތަކަށް ބަދަލު ގެނައުމާ ގުޅިގެން، އެ މިނިސްޓްރީ ތަކުގެ މެންޑޭޓަށް (މަސައްކަތުގެ ދާއިރާ) އަންނަ ބަދަލު ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީފުޅަކުންނެވެ.

ރައީސް ޑރ. މުއިއްޒު މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. ރައީސްގެ ސިޓީފުޅުގައި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތަކަށް ގެނެސްފައިވާ ބަދަލުތައް ހިމެނޭ ލިސްޓެއް މަޖިލީހަށް ފޮނުއްވާފައިވާއިރު، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެ ބަދަލުތައް މަޖިލީހުން ނިންމަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާގެ ދަށުން މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

އަލުން އެކުލަވާލި ކެބިނެޓުގައި ބައެއް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރުގެ މަގާމަށް މޫސާ ޒަމީރު، ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް އަލީ އިހްސާން، އަދި ފޮރިން މިނިސްޓަރުގެ މަގާމަށް އިރުތިޝާމް އާދަމްވަނީ އައްޔަންކުރައްވާފައެވެ. މީގެ އިތުރުން ހެލްތު އެންޑް ފެމިލީ މިނިސްޓަރުގެ މަގާމަށް ގީލާ އަލީ އަދި އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރުގެ މަގާމަށް މުހައްމަދު ސައީދު ވަނީ ހަމަޖައްސަވާފައެވެ.

އިތުރު އައްޔަންކުރެއްވުންތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން، އަދި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް ހީނާ ވަލީދު ހިމެނެއެވެ. އަދި އިންފްރާ ސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މުއްތަލިބް، ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރުގެ މަގާމަށް އަބްދުﷲ ޝަރީފް، އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ ޝަފީއު އަދި ޔޫތު އެންޑް އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރުގެ މަގާމަށް އަބްދުﷲ ރާފިއު ވަނީ އައްޔަންކުރައްވާފައެވެ.

މި ބަދަލުތަކާއެކު ބައެއް މިނިސްޓްރީތަކުގެ ނަންތަކަށާއި މަސްއޫލިއްޔަތުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މަޖިލީހަށް މި މައްސަލަ ހުށަހެޅުމުން، ދެން ކުރިއަށްދާނީ ކޮމިޓީ މަރުހަލާގައި ވަޒީރުންގެ ޝަރުތު ހަމަވޭތޯ ބެލުމާއި، ރުހުން ދިނުމަށް ތަޅުމުގައި ވޯޓަށް އެހުމުގެ މަސައްކަތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0