ސިޔާސީ , ޚަބަރު

އަޅުގަނޑު މޮޅުވާނެކަން އިބޫ އަށް އެނގިވަޑައިގަންނަވާ، އެވާހަކަ ވިދާޅުވި: ރައީސް ނަޝީދު

11 ޖޫން 2026 - 11:01
އަޅުގަނޑު މޮޅުވާނެކަން އިބޫ އަށް އެނގިވަޑައިގަންނަވާ، އެވާހަކަ ވިދާޅުވި: ރައީސް ނަޝީދު

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެ ވާހަކަ ސީދާ ރައީސް ޞާލިޙް ވިދާޅުވެފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހެލޯ އަނީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނުކަން ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިހާރު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ނަތީޖާ ބަދަލުކުރުމަށްވުރެ ބޮޑަށް، ވޯޓުގެ ފަރަގު ކުޑަކުރުމަށެވެ. "އިބްރާހީމް މުޙައްމަދު ޞާލިޙަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު މޮޅުވާނެކަން. އެ ވާހަކަ އޭނާ ވަނީ އަޅުގަނޑު ގާތު ވިދާޅުވެފައިވެސްމެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް ޞާލިޙް މިހާރު ކުރައްވާ މަސައްކަތަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ވޯޓުގެ ފަރަގު ކުޑަކުރުމެވެ.

ރައީސް ނަޝީދު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އަޙްމަދު ޝަހީދު، ޢަބްދުﷲ ޝާހިދު އަދި އާދަމް އަޒީމް ފަދަ ބޭފުޅުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން އުންމީދު ކުރައްވާ ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިހާތަނަށް ފާޅުގައި އެކަން އިއުލާނު ކުރެއްވީ ހަމައެކަނި ފައްޔާޒް އިސްމާއީލް ކަމަށާއި، އެއީ ރަނގަޅު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކާމިޔާބު ލިބެން އޮތީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. "އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށް، މި ގާބިލްކަން ނެތް ސަރުކާރު ހުއްޓުވައި ޒިންމާދާރުކުރުވުމަށް އެއްބަސްވުމަކަށް އަންނަންޖެހޭ. އެއްވެސް ކަމަކުން އަޅުގަނޑުމެންގެ އެ އަމާޒު ގެއްލިގެން ނުވާނެ،" ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމަށް އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ޞާލިޙާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ނަޝީދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0