މަގާމާ ހަވާލުވި ފުރަތަމަ ދުވަހު އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމަށް އައްޔަންކުރެއްވި އާދަމް ނަސީރު އިބްރާހީމް، އެ މަގާމުގެ މަސައްކަތަށް ނުކުމެވަޑައިގަތް ފުރަތަމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
މުންދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވައިފި" ކަމަށެވެ. މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އާދަމް ނަސީރު، ރައީސް އޮފީހުގެ މުޝީރަކަށް އައްޔަންކުރެއްވީ މިނިސްޓަރު ފެންވަރުގައެވެ.
މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އާދަމް ނަސީރު، ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާގެ މުޝީރެއްގެ ގޮތުގައި ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރީ އިއްޔެއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މިއަދު މީގެ ކުރިން ވިދާޅުވެފައިވަނީ އާދަމް ނަސީރު މިއަދު ރައީސް އޮފީހުގައި މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއަށްފަހު، ރައީސްގެ އެންގެވުމަކަށް މަގާމުން އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް އެކި މަގާމުތައް ދެއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، މީގެ ކުރިން ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވި އަބްދުﷲ ނާޒިމް ވެސް ވަނީ އަލުން ރައީސް އޮފީހުގެ މަގާމަށް އައްޔަނުކުރައްވައިފައެވެ.
މީގެ އިތުރުން، އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފާއި އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް، ގަތަރު އަދި ޔޫއޭއީގެ ސަފީރުކަމުގެ މަގާމަށް އައްޔަންކުރަން ވެސް ސަރުކާރުން ވަނީ ނިންމަވައިފައެވެ.






ރިއެކްޓް