ސިޔާސީ , ޚަބަރު

ސަރުކާރުން ގެނައީ "ފޭކް ޕްރިންސެއް" ނޫން، މަޝްރޫއު ލަސްވަނީ ސްކޯޕް ބޮޑު ކުރާތީ: މުންދު

6 ޖޫން 2026 - 18:17
ސަރުކާރުން ގެނައީ "ފޭކް ޕްރިންސެއް" ނޫން، މަޝްރޫއު ލަސްވަނީ ސްކޯޕް ބޮޑު ކުރާތީ: މުންދު
ސައުދީ ޕްރިންސެއް ކަމަށް ބުނާ މީހާއާއި ރައީސް މުއިއްޒު: ފޮޓޯ، ރައީސް އޮފީސް

މިދިޔަ އަހަރު ސަރުކާރުން ރާއްޖެ ގެނައީ ސައުދީ ޕްރިންސް އަކީ "ފޭކް ޕްރިންސެއް" ނޫން ކަމަށާއި 8 ބިލިއަނަށް ވުރެ ބޮޑު އެ މަޝްރޫއު ލަސްވަނީ ސްކޯޕް ބޮޑު ކުރާތީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. 

މުންދު ވިދާޅުވި ގޮތުގައި އެ ބޭފުޅުން ހުށަހެޅުއްވި މަޝްރޫއު ލަސްވަމުންދަނީ މަޝްރޫއު ހުއްޓިގެންނެއް ނޫނެވެ. ނަމަވެސް، އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން މަޝްރޫއުގެ ސްކޯޕަށް ބޮޑު ބަދަލެއް ގެންނަން ހުށަހަޅާފައިވާތީ، އެކަމާ ގުޅޭ ފީޒިބިލިޓީ އާއި އެޕްރޫވަލްގެ މަސައްކަތްތައް ކުރިއަށްދާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ ބޭފުޅުން ފުރަތަމަ ހުށަހެޅުއްވި، މަޝްރޫޢު ހުށަހެޅުއްވިއިރު ގެންގުޅުއްވި ސްކޯޕަށް އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން ހުށަހަޅުއްވައިގެން ކަމާ ބެހޭ ފަރާތްތަކުން އެ ރިވައިޒްޑް ސްކޯޕްގެ ފިޒިބިލިޓީއާއި އެޕްރޫވަލްސް ކަންތައްތަކެއް މިހާރު ކުރިއަށްދަނީ،" މުންދު ވިދާޅުވިއެވެ.

މަޝްރޫއުގެ ސްކޯޕަށް ބޮޑު ބަދަލެއް އައުމުން، ސަރުކާރުގެ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން އަނެއްކާވެސް ވަޒީރުންގެ މަޖިލީހަށް ގޮސް ކޮމިޓީތަކުން މަޝްވަރާކުރަން ޖެހޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި މި ބަދަލުވި ސްކޯޕާ އެކު މަޝްރޫއު ކުރިއަށްދާނެ ތާވަލާއި، އޭގެއިން ލިބޭނެ ފައިދާތަކުގެ އަދާހަމަ ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަމީރެއް ކަމަށް ބުނެ ރައީސް އޮފީހުން ޝާއިއުކުރި ހަބަރާއި ފޮޓޯތަކެއް، އެއީ ފޭކް ޕްރިންސެއް ކަމަށް ބުނެ ވާހަކަ ދެކެވުމާ ގުޅިގެން ސަރުކާރުން ވަނީ އެކަމާއި ގުޅޭ ހުރިހާ ހަބަރަކާއި ފޮޓޯއެއް ޑިލީޓް ކޮށްފައެވެ. އޭރު އެ ފޮޓޯތަކާއި ހަބަރުތައް ޑިލީޓް ކުރީ ސައުދީ ސަރުކާރުން އަންގައިގެން ކަމަށް އޭރު ނޫސްތަކުން ރިޕޯޓު ކުރިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0