ސިޔާސީ

2023 ގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރިން: ރައީސް ނަޝީދު

7 ޖޫން 2026 - 12:30
2023 ގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރިން: ރައީސް ނަޝީދު

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި އެކީގައި މަސައްކަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރެއްވި ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ގައްދޫގައި ބޭއްވި "ބޮޑުބަދަލު" ޖަލްސާގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަމީރު ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުންނެވެ.

އަމީރުގެ ވާހަކަފުޅުގައި ކިޔައިދެއްވީ އެމްޑީޕީއަށް 2023 ރިޔާސީ އިންތިޚާބު ގެއްލުނު ގޮތުގެ ވާހަކައިގެ ތަފްސީލެވެ. 2023 ގެ ރިޔާސީ އިންތިހާބުން ބަލިވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އޭރުގެ ލީޑާޝިޕުން ނިންމީ ރައީސް ނަޝީދާ ނުލައި ކުރިއަށްދިއުމަށް ކަމަށެވެ. އަދި ރައީސް ނަޝީދަށް ލިބޭނީ އެންމެ 3،000 އެއްހާ ވޯޓު ކަމަށް އޭރުގެ ބައެއް ބޭފުޅުން ގަބޫލުކުރެއްވި ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، އޭރުވެސް ފައްޔާޒު އިސްމާއިލް އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށް އަމީރު ވިދާޅުވިއެވެ. "ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އޭރުވެސް ބުނީ އެހާ ދެރަނުކުރައްޗޭ. ހަމަ ޔަޤީނުންވެސް ފަނަރަހާސް ނޫނީ ވިހިހާސް ވޯޓް އެންމެ މަދުވެގެން ރައީސް ނަޝީދު ހޯއްދަވާނެކަމަށް އޭރުވެސް ފައްޔާޒު ވިދާޅުވި،" އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދާ ވަކިވުމަށް ނިންމި ނިންމުމަކީ އެމްޑީޕީގެ ހަޔާތުގައި ނިންމި އެންމެ ހިތާމަވެރި ނިންމުން ކަމަށް ފައްޔާޒު އޭރުވެސް ވިދާޅުވި ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެންމެން ދެރަވާނެ ކަމުގެ އިންޒާރު ފައްޔާޒު ދެއްވި ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0