މުޢިއްޒު އެހުރީ ފިސާރި ރަނގަޅަށް ބަލިވެފައި، ދެން ކުރަން އޮތް ކަމަކީ ވަޅުލުން: ރައީސް ނަޝީދު
މުޢިއްޒު އެހުރީ ފިސާރި ރަނގަޅަށް ބަލިވެފައި، ދެން އޮތީ ވަޅުލުން: ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ސިޔާސީ ގޮތުން ފިސާރި ރަނގަޅަށް ބަލިވެފައި ކަމަށާއި، ދެން ކުރަން އޮތް ކަމަކީ އެމަނިކުފާނުގެ ސަރުކާރު ވަޅުލުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވައި، ތާއީދު ހޯއްދެވުމަށް ގދ. ގައްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒު މިހާރު ހުންނެވީ ވަރަށް ބޮޑަށް ބަލިވެފައި ކަމަށާއި، މިހާރު އޮތީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިންމާލަން ޖެހޭ ވަގުތު ޖެހިފައި ކަމަށެވެ. "ރައީސް މުޢިއްޒު އެހުރީ ފިސާވެރި ރަނގަޅަށް ބަލިވެފައި، އަޅުގަނޑުމެން މިހާރު ކުރާން އޮތް ކަމަކީ ވަޅުލުން. އެއޮތީ މާ ރަނގަޅަށް ކަށްވަޅުވެސް ކޮނެވިފައި، ސަންދޯން އެހެރީ މާރަނގަޅަށް ޖެހިފައި. މިހާރު އެ މަނިކުފާނު ބުއްދިވެރިއްޔާ އަމިއްލަފުޅަށް ސަންދޯކަށް އެރިވަޑައިގަންނަވާނެ އަޅުގަނޑުމެން ކަށްވަޅަށް އެ ލައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީން ނިކުންނަނީ މި ސަރުކާރު ވަރަށް ރަނގަޅަށް ބަލިކޮށް، ޖަވާބުދާރީކުރުވުމަށް ކަމަށެވެ. އަދި މި ސަރުކާރަށް އިތުރު ކަންކަން ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ތިބި ނަމަވެސް، ވަޒީފާގެ ބިރުވެރިކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހިލުންވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު އެއް ފަލްސަފާއަކީ "ބިރު ފަހަނައަޅައި ދިޔުން" ކަމަށާއި، ނަމަވެސް މިހާރު އަނެއްކާވެސް ރައްޔިތުންގެ ތެރެއަށް ބިރުވެރިކަން ފަތުރާފައިވާ ކަމަށެވެ. މީހާ އަދާކުރާ ވަޒީފާއާއި އެމީހެއްގެ ސިޔާސީ ފިކުރާ ގުޅުވުމަކީ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫން ކަމަށާއި، މި ސަރުކާރުން ގެންދަވަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.






ރިއެކްޓް