ސިޔާސީ , ޚަބަރު

ރިޔާސީ އިންތިހާބަށް ކުޅިބައި އެއްކޮށް ރުކުރުވާލައި ކުރިއަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު: ފައްޔާޒު

6 ޖޫން 2026 - 23:30
ރިޔާސީ އިންތިހާބަށް ކުޅިބައި އެއްކޮށް ރުކުރުވާލައި ކުރިއަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު: ފައްޔާޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީގެ ކުޅިބައި އަތުރާލައި، އެއްކޮށް ރުކުރުވާލައިގެން ކުރިއަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ޗެއާޕާސަން ކަމަށް ރައީސް ނަޝީދަށް ތާއީދު ހޯއްދެވުމަށް ގދ. ގައްދޫގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ފައްޔާޒު ވިދާޅުވީ، މި ވަގުތަކީ މިހާރު އޮތް "އަނިޔާވެރި ސަރުކާރުގެ" ކިއްލާގައި ރެނދުލަމުންދާ ވަގުތެއް ކަމަށާއި، ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށެވެ. ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިޚާބުގެ ނަތީޖާއިންވެސް ރައްޔިތުން މި ސަރުކާރު ބޭނުން ނުވާކަން ހާމަކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫ އަތޮޅު ހިތަދޫ އުތުރު ދާއިރާގެ މެންބަރުން މިއަދު ނިންމި ނިންމުމަކީވެސް ސަރުކާރަށް އޮތް ނުރުހުން ހާމަވި ކަމެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ކުޅިބައި ރީތިކޮށް އަތުރާލަން ޖެހޭ ކަމަށެވެ. "އެ ކުޅި ބައި އަތުރާލައިގެން އަޅުގަނޑުމެން އެހިސާބަށް މި ވަގުތު، މި ޙާލަތުގައި ގެންދެވޭނޭ (އަދި) އަޅުގަނޑު ރޭގައި ދެންނެވި ފަދައިން، މި ވަގުތު ދިވެހިރާއްޖެއަށް ފެންނަން ހުރީ ހަމަ އެންމެ ބޭފުޅެއް. އެއީ ރައީސް މުޙައްމަދު ނަޝީދު. އެކަމަކާ އެއްވެސް ޝައްކެއް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ފާހަގަކުރެއްވީ، ރިޔާސީ ޕްރައިމަރީގައި ކޮންމެ ބޭފުޅަކު ނުކުމެގެން މިހާރު އޮތް ސިޔާސީ މަސްރަހުގައި ކާމިޔާބު ހޯދޭނެ ކަމަށް ވިސްނުމަކީ ގޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ބަލައިގަންނަ، ސިޔާސީ ބުރަދަން ހުރި އަދި ދައްކާ ވާހަކައިގައި ބަރުދަން ހުރި ލީޑަރަކު މި އޮޑި ހިފައިގެން ނުކުންނަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އެއްކޮށް ރުކުރުވާލައިގެން ކުރިއަށް ގެންދެވޭނެ ހަމައެކަނި ޝަޚުސިއްޔަތަކީ ރައީސް ނަޝީދު ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.

ފައްޔާޒު ވަނީ ކުރިއަށް އޮތް ޖޫން 12 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ހުރިހާ މެންބަރުން ނުކުމެ ވޯޓުލުމަށް ބާރުއަޅުއްވާފައެވެ. މަންޒަރު ސާފުކޮށް ފެންނަން އޮތް ނަމަވެސް، ގަދައަޅައި މަސައްކަތްކޮށްގެން ނޫނީ ބޭނުންވާ އަމާޒަށް ވާސިލްނުވެވޭނެ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ ޕާޓީގެ މެންބަރުންގެ ތާއީދު ރައީސް ނަޝީދަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0