ސަރުކާރުން މުޅި ދައުލަތް ހިތަދޫ އުތުރަށް އަރިކޮށްގެންވެސް ވީ ބަލި : ރައީސް ނަޝީދު
ސަރުކާރުން މުޅި ދައުލަތް ހިތަދޫ އުތުރަށް އަރިކޮށްގެންވެސް ވީ ބަލި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ގދ. ގައްދޫގައި މިރޭ ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަކީ އާދައިގެ ގޮނޑިއެއް ނޫން ކަމަށާއި، ސަރުކާރަށް މި އިންތިޚާބުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގޭ ކަމަށެވެ. އަދި މީގެ ކުރިން ބޭއްވި ދެ އިންތިޚާބެއް ނާކާމިޔާބުވުމުން ވަޒީރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ބޭފުޅުން ވަކިކުރެއްވިކަން ފާހަގަކުރައްވައި، ތިންވަނަ އިންތިޚާބަކަށް ސަރުކާރުން ވަޑައިގަތީ ކޮންމެހެންވެސް މޮޅުވާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވި ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، "ސަރުކާރު މި އިންތިޚާބަށް ނުކުތީ މުޅި ދައުލަތް ހިތަދޫ އުތުރަށް އަރިކޮށްފައިވާ ގޮތަށް. އެކި ތަންތަނުން އެކި ރަށްރަށުން ކަޅު ދަބަސްތަކާއި، ބޭންގެ އެކައުންޓުތައް، ވަގުތުން ޓްރާންސްފަރ ކުރެވޭ ގޮތަށް ހަމަޖައްސަވައިގެން ތަންތަނަށް ވަޑައިގަންނަވަމުން ގެންދެވި، ފައިސާ ބަސްވަމުން ގެންދެވީ އިންތިހާއަށް،" ކަމަށެވެ.
ވަޒީފާގެ ބިރުދެއްކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވަޒީފާ އަދާކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. މީހެއްގެ ސިޔާސީ ފިކުރާ އޭނާ އަދާކުރާ ވަޒީފާއާ ގުޅުވުމަކީ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫން ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ބިރުދައްކާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް އެ ދާއިރާއިން ވޯޓު ލިބުނީވެސް އެމް.ޑީ.ޕީގެ ކުރީގެ މެމްބަރަކު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމުންނެވެ. ނަމަވެސް، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި ބިރުދައްކައިގެން ކުރި މަސައްކަތް ފެއިލްވެ، ސަރުކާރު ބަލިވެފައިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވާހަކަ ނިންމަވާލައްވާފައެވެ.






ރިއެކްޓް