ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރުން މުހިންމު: ސާޖިދާ
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ "މަޝްވަރާ" އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސާޖިދާ މުހައްމަދު ވިދާޅުވި ގޮތުގައި، މި ނިންމުމަކީ އިންޓަނެޓްގެ ވަސީލަތްތަކުން ކުރިމަތިވާ އެކި ކަހަލަ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ ބޮޑު އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. ކުޑަކުދިންގެ ރައްކާތެރިކަމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ އަނިޔާތަކުން ސަލާމަތްވުން ނޫންކަން ފާހަގަކުރައްވައި، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
"ކުދިންނަކީ މުޖުތަމައު ބަލައިގަންނަ، ލޯބިލިބޭ ބައެއްކަން އިހުސާސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ސާޖިދާ ވިދާޅުވިއެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ޒަމާނީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ، އަހުލާގީ ގޮތުން ވަރުގަދަ ޖީލެއް ބިނާކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމައު އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.






ރިއެކްޓް