ރައީސް ކަމަށް ވާދަކުރުމުގެ އަޑުފެތުރިފައި ވަނިކޮށް ސައީދު ސައުދީ ވަލީ އަހުދާއި ބައްދަލު ކުރައްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފާނެ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު ސައީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ މިއަހަރުގެ ރާއްޖޭގެ އަމީރުލް ހައްޖުގެ ގޮތުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މާލީ ނުވަތަ އިގްތިސާދީ ދާއިރާގެ ވަޒީރަކު އަމީރުލް ހައްޖުގެ ގޮތުގައި ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަގާމުގައި ހައްޖަށް ވަޑައިގަތުމަށް ސައީދު ވަނީ ވަރަށް ބޮޑަށް ލޮބީ ކުރައްވާފައެވެ.
ސައުދީ ވަލީއަހުދާއެކު ބޭއްވި މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ އެއްވެސް ތަފްސީލެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި މި ބައްދަލުވުމާ ގުޅޭ އެއްވެސް ރަސްމީ މަޢުލޫމާތެއް އިކޮނޮމިކް މިނިސްޓްރީން ނުވަތަ އިސްލާމިކް މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، މިނިސްޓަރު ސައީދު އަމިއްލަފުޅަށް ވެސް އެއްވެސް ރަސްމީ ޕްލެޓްފޯމެއްގައި މި ބައްދަލުވުމުގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ. މި ބައްދަލުވުން ބާއްވާފައި މިވަނީ ސައީދު ރައީސްކަމަށް ޝައުގުވެރިކަން ހުރި ކަމަށް ސިޔާސީ ދާއިރާގައި ވާހަކަދެކެވެމުންދާ ވަގުތެއްގައެވެ.






ރިއެކްޓް