ނާޒިމު ހައްޔަރު ނުކުރާނެއޭ ބުނާކަށް ނޭނގޭ: ތަރުޖަމާނު
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހައްޔަރުކޮށްފާނެ ކަމެއް ނުވަތަ ނޫންކަމެއް ބުނަން ނޭނގޭ ކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ނާޒިމް ހައްޔަރުކޮށްފާނެ ކަމުގެ ވާހަކަތައް ސޯޝަލްމީޑިއާގައި ދެކެވޭތީ އޭގެ ތެދު ދޮގު އޮޅުންފިލުވާލުމަށް "ވިރާސީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ "ނާޒިމް ހައްޔަރުކޮށްްފާނެ ކަން ނުވަތަ ނޫންކަން ބުނަން ނޭނގޭ ކަމަށެވެ." އަދި އެކަން އެންމެ ރަނގަޅަށް ސާފުކޮށްދެވޭނީ ފުލުހުންނަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ކަމުން ނާޒިމު ވަކިކުރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަސް އެޖެންޑާ ކޮށްފައިވާއިރު ނާޒިމް އަދިވެސް ހުންނެވީ މެލޭޝިއާގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނާޒިމް މެލޭޝިއާގައި ހުންނެވުމުން އޭނާއަށް މާދަމާގެ ޖަލްސާގައި ޖަވާބުދާރި ވެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު މިރޭގެ ފަތިހުގެ ވަގުތެއްގައި ނާޒިިމްް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.
މުންދު އިތުރަށް ވިދާޅުވީ ނާޒިމް މަޖިލީހުގެ ނާއިބުރައީސްކަމުން ވަކިކުރަނީ ޕާޓީގެ މަސްލަހަތާއި ޕާޓީއަށް ފައިދާހުރި ކަންކަމާއި ޚިލާފު ކަންކަމަށް ނާޒިމުގެ އިންޓްރެސްޓް ހުންނާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މަޖިލިސް މެންބަރުކަމުން ނާޒިމް ވަކިކުރުމުގެ މަޝްވަރާއެއް ޕާޓީގެ ތެރޭގައި ހިނގާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މަޝްރަހު ކިތަންމެ ހޫނު ކަމުގައި ވިޔަސް ނާޒިމްއަކީ ގާތް ބޭފުޅެއް ކަމަށާއި ޒާތީ މައްސަލައެއް ނާޒިމްއާއި ނެތްކަން މުންދު ފާހަގަކުރެއްވިއެވެ. މުންދު ވިދާޅުވީ ނާޒިމުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުނު ފަހުންވެސް ނާޒިމް އާއި އެ ގާތް ގުޅުން ބާއްވަވާ ކަމަށެވެ.






ރިއެކްޓް