ނައިބު ރައީސް ކަމަށް ތާއީދު ނުލިބުމުން ފަލާހު ބުނީ ވާދަ ނުކުރާ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރުންގެ ތާއީދު ނުލިބުމުން އެ މަގާމަށް ވާދަ ނުކުރައްވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވެފައި މިވަނީ، އެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވާ ކަމަށް ޕީއެންސީގެ ގިނަ މެންބަރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ އަމިއްލައަށް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް ވަކިކުރަން ހުށަހެޅުމާ އެކު، އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި ވަނީ ބޮޑެތި ބަހުސްތަކެއް ކުރެވިފައެވެ.
އެނގިފައިވާ ގޮތުގައި ފަލާހު ވަނީ މީގެ ކުރިން އެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެކަމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް، ޕީއެންސީގެ ބައެއް މެންބަރުން މައުލޫމާތު ދޭ ގޮތުގައި ރައީސް މުއިއްޒު އެ މަގާމަށް ފަލާހު ގެންނަން އެހާ ހިންހަމަ ނުޖެހެއެވެ. މީޑިއާތަކުން މިކަން ރިޕޯޓު ކުރަން ފެށުމުން ފަލާހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
"ނޫސްތަކުގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން،" ފަލާހު ކުރެއްވި ކުރު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
Loading tweet content... View original tweet
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިކަން ހުރި ބޭފުޅުންގެ ތެރޭގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ގެ އިތުރުން އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.
މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރާ ޖަލްސާ އެންމެ ފުރަތަމަ ތާވަލް ކުރީ މިއަދު މެންދުރު 1 ޖަހާއިރު ބޭއްވުމަށެވެ. ނަމަވެސް ޕީއެންސީ ތެރެއިން އެ މަގާމަށް ވާދަ ކުރާނެ ބޭފުޅަކު ލީޑާޝިޕަށް ނުނިންމި، އެންމެ ފަހުން މާދަމާއަށް ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.






ރިއެކްޓް