ސިޔާސީ , ޚަބަރު

ތުހުމަތުތައް ދޮގުކުރައްވައި ނާޒިމް އިސްތިއުފާދެއްވައިފި

31 މޭ 2026 - 09:27
ތުހުމަތުތައް ދޮގުކުރައްވައި ނާޒިމް އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެ ތުހުމަތުތައް ދޮގުކުރައްވައި ނާޒިމް މިއަދު މަގާމުން އިސްތިއުފާދެއްވައިފި އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ނާޒިމް ވަކިކުރަން ނިންމާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވީ މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނާޒިމްގެ އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ޕާޓީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ނާޒިމް މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނެންގެވުމާއި، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މެންބަރުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

ނާޒިމް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އެ ހުރިހާ ތުހުމަތުތަކެއް ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ ނުވަތަ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް ފަރާތަކުން އުފުލާފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިސްތިއުފާގެ ބަޔާނުގައި ނާޒިމް އިތުރަށް ވިދާޅުވީ އޭނާގެ ވާޖިބުތައް އަދާކުރެއްވީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަމަށާއި، އެއްވެސް މެންބަރެއްގެ މަސްއޫލިއްޔަތަށް ހުރަސްއަޅާފައި ނުވާނެ ކަމަށެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރުމަށް ޕީޖީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކުރައްވާފައިވާތީ، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރެސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ މެދު ކުރައްވާފައިވާ އެންމެހާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތް އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،"ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0