މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބު ކޮށްފިއެވެ.
މަޖިލީހުގައި މިއަދު ނެގުނު ސިއްރު ވޯޓުގައި ސަލީމް މި މަގާމަށް އިންތިހާބުވެވަޑައިގަތީ 62 ވޯޓާއިއެކުގައެވެ. އެމްޑީޕީ އިން ވާދަކުރެއްވި މެންބަރު ހުސައިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ސަލީމްގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއެވެ. ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ޕީއެންސީގެ ފަރާތުން މި މަގާމަށް ވާދަކުރެއްވީ ހަމައެކަނި ސަލީމެވެ.
މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. ޒިޔާދުގެ ނަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އައު ނައިބު ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތް މަޖިލީހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.






ރިއެކްޓް