ނަޝީދުގެ ވަޢުދު: މަރުވެދާނީވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި
އެމްޑީޕީ އަކީ އަބަދުވެސް އެންމެ ލޯބިވާ ޕާޓީ ކަމަށާއި، އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މަރުވެދާން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ބިލެއްދޫއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެއްޖެއެވެ.
ބިލެއްދޫގައި ބޭއްވި މި ބައްދަލުވުމުގައި، ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފި ނަމަ ޕާޓީ ދޫކޮށް ވަޑައިގަންނަވާނެތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ދެން އޮންނަވާނީ ގޭގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އެތައް ގުރުބާނީތަކެއް ވެގެން ވުޖޫދުކުރި ޕާޓީއެއް ކަމަށާއި، އެ ޕާޓީން ނެރެ އެއްލާނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނެ ކަމަށެވެ. އެމަނިކުފާނަކީ އެމްޑީޕީ ބޭފުޅެއް ކަމާ މެދު އެއްވެސް ފަރާތަކުން ޝައްކު ނުކުރެއްވުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވަނީ ވަރުގަދަ މިސާލެއް ޖައްސަވާފައެވެ.
"އަޅުގަނޑުގެ ގައިން ތަނެއް ކަނޑާލި ނަމަވެސް އަންނާނީ ރީނދޫ ލޭ. އެމްޑީޕީ މީހެއްގެ ގޮތުގައި ނޫނީ މަރުވެގެންދާކަށް ވެސް ބޭނުމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބުގެ ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ނަޝީދު ވަނީ އެ ޕާޓީން އެއްވެސް މެންބަރަކު ވަކިވުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނުގެ އަމާޒަކީ އެމްޑީޕީގެ މެންބަރުންގެ އަދަދު 100,000 އަށްވުރެ މައްޗަށް ގެންދެވުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ. މި ވާހަކަފުޅުތައް ގެނެސްދެއްވާފައިވަނީ ޕާޓީ ތެރޭގެ އެއްބައިވަންތަކަމާއި މެންބަރުންގެ އިތުބާރު ދެމެހެއްޓެވުމުގެ މެސެޖެއްގެ ގޮތުގައެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
1
ލޯބި
0
މަޖާ
0





