ސިޔާސީ , ޚަބަރު

ދުންފަތުގެ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާ އަށް ކުޑަ ކުރަނީ

31 މޭ 2026 - 18:31
ދުންފަތުގެ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާ އަށް ކުޑަ ކުރަނީ

ދުންފަތުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގާ 8 ރުފިޔާއިން 4 ރުފިޔާ އުނިކޮށް، ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މި ބަދަލަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ދީފައިވާ ލަފައަކާ ގުޅިގެން ގެނައުމަށް ވިސްނަމުންދާ ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، 2024 ވަނަ އަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، ވޭޕް ބޭނުންކުރި މީހުން ކުއްލިއަކަށް ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި އެކަން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން 2024 ނޮވެމްބަރުގައި ގެނައި އިސްލާހާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ ވަނީ 3.30 ރުފިޔާ އިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑަބްލިއުއެޗުއޯ އިން ހެދި ދިރާސާއަކަށް ފަހު ރާއްޖެއަށް ލަފާދީފައިވަނީ 2026 ވަނަ އަހަރަށް ސިނގިރޭޓުގެ ސްޕެސިފިކް ރޭޓް 4 ރުފިޔާގައި ބެހެއްޓުމަށެވެ. "މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް 4ރ. ގެ ގޮތުގައި،"މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިއުޓީ ރޭޓު 8 ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން އޭރު ނެގި އުނދަގޫ ނިންމުމެކެވެ. ނަމަވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެކި ދުވަސްވަރު ކުރެވޭ ދިރާސާތަކުގެ އަލީގައި ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ އިދާރާތަކާއި ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކަށް ފަހު، ރޭޓަށް ބަދަލު ގެންނަން ފެންނަ ނަމަ، ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0