ސިޔާސީ , ޚަބަރު

އެސްއޯއީތަކުން ލިބުނު އާމްދަނީ 36 އިންސައްތަ ދަށަށް

30 މޭ 2026 - 16:33
އެސްއޯއީތަކުން ލިބުނު އާމްދަނީ 36 އިންސައްތަ ދަށަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ފައިދާއިން ދައުލަތަށް ލިބޭ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 36 އިންސައްތަ ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް ލިބިފައިވަނީ 160 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 258 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ބަޖެޓުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 552 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް ލިބިފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ އެންމެ 30 އިންސައްތައެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު ސަބަބަކީ ކުންފުނިތަކުގެ ފައިދާ ދަށްވުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޑިވިޑެންޑާއި އެހެން ގޮތްގޮތުން ދައުލަތަށް ފައިދާއާއި އިންޓްރެސްޓުގެ ގޮތުގައި 769 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ޖުމްލަ 243 މިލިޔަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓުގެ 31 އިންސައްތައެވެ. މި އާމްދަނީ ފާއިތުވި އަހަރުތަކުގައި ވެސް ދަށްވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރު 823 މިލިޔަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީ އަހަރު 1.1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ހިއްސާ އޮންނަ 30 ކުންފުނީގެ ތެރެއިން މިއަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ ހަ ކުންފުންޏަކުންނެވެ. އެއީ ދިރާގު، ބީއެމްއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ، އެޗްޑީސީ އަދި އެމްޕީއެލް އެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ދިރާގުންނެވެ. އެ ކުންފުނިން 262 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ބީއެމްއެލްއިން 154 މިލިޔަން ރުފިޔާ، އެމްއޭސީއެލްއިން 50 މިލިޔަން ރުފިޔާ، އެމްޑަބްލިއުއެސްސީއިން 30 މިލިޔަން ރުފިޔާ، އެޗްޑީސީއިން 20 މިލިޔަން ރުފިޔާ އަދި އެމްޕީއެލްއިން 12 މިލިޔަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0