ދިވެހިންގެ ތަނަވަސްކަން އިތުރުކުރަން މުއިއްޒަށް ނުވެސް އިނގޭ، އެ ޝައުގެއްވެސް ނެތް: ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރާނެ ގޮތުގެ އެއްވެސް ތަސައްވުރެއް ނުވަތަ ޚިޔާލެއް އެކުލަވާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނޭނގޭ ކަމަށާއި، އެކަމުގެ އެއްވެސް ޝައުގުވެރިކަމެއް އެ ސަރުކާރުގައި ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާތީ، ތާއީދު ހޯއްދެވުމަށް ގއ. ދާންދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރަށްރަށަކީ ދިރުން ހުރި، މަސައްކަތްތެރި ރައްޔިތުން ދިރިއުޅޭ ރަށްތަކެއް ކަމަށާއި ނަމަވެސް އެ މަސައްކަތްތަކުން އާމްދަނީ އިތުރުކުރަން މިހާރުގެ ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ.
ދާންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، "ޕީއެންސީއާއި ޑރ. މުޢިއްޒުގެ ސަރުކާރަށް މި ބާވަތުގެ ހަމަ އެއް ކަމެއް ވެސް ނުކުރެވޭނެ. ހަމައެކަނި އެ ބޭފުޅުންނަށް މި ކަހަލަ ކަމެއް ވިސްނަން، ތަސައްވުރެއް ގެންނަން، ޚިޔާލެއް އެކުލަވާލަން ނޭނގެނީކީއެއް ނޫން، ނުވެސް އިނގޭ. އަދި އޭގެ އިތުރުން އެމީހުންގެ ޝައުޤުވެރިކަމެއް ވެސް ނެތް،" ކަމަށެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ކުރީގެ އެމްޑީޕީ ސަރުކާރުން ދަރަންޏަށް ފައިސާ ނަގައިގެން ރަށްރަށުގައި ބޮޑެތި ޢުމްރާނީ މަސައްކަތްތަކެއް ކޮށްފައިވަނީ އެއީ ހަރުމުދަލެއްގެ ގޮތުގައެވެ. ނަމަވެސް އެ މަގުތަކާއި ބަނދަރުތަކުން ރައްޔިތުންގެ އާމްދަނީއަށް ކުރާނެ ފައިދާ ފުރިހަމަކުރުމަށް ހިންގަންޖެހޭ މަޝްރޫޢުތައް މިހާރުގެ ސަރުކާރުން ވަނީ ހުއްޓާލާފައެވެ. ބައެއް ރަށްރަށުގައި 95 އިންސައްތަ ނިމިފައި ހުރި މަސައްކަތްތައް ހުއްޓާލުމުގެ ސަބަބުން ކުރި މަސައްކަތް ބޭކާރުވެ، ބޮޑެތި އިސްރާފުތަކެއް ވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީއަކީ މީގެ ކުރިންވެސް ރާއްޖެ ބަދަލުކުރި ޕާޓީކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ އަނެއްކާވެސް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެ މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ، ދާންދޫގެ އެމްޑީޕީ މެންބަރުންގެ ވޯޓަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.






ރިއެކްޓް