ސިޔާސީ , ޚަބަރު

މުއިއްޒު މިހާރު އެހުންނެވީ ތިންފަށް ވެފަ: ރައީސް ނަޝީދު

7 ޖޫން 2026 - 00:34
މުއިއްޒު މިހާރު އެހުންނެވީ ތިންފަށް ވެފަ: ރައީސް ނަޝީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން އިންތިޚާބަކުން ބަލިވެ، މިހާރު ހުންނެވީ "ތިންފަށްވެފައި" ކަމަށާއި، އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން މި ވިދާޅުވީ ދާދިފަހުން ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވައި، ތާއީދު ހޯއްދެވުމަށް ގދ. ގައްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގެ އިތުރުން އެންމެ ފަހުން ބޭއްވުނު ބައި-އިލެކްޝަނުން ވެސް ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. "އެ މަނިކުފާނު މިހާރު އެހެރީ ތިން ފަށްވެފަ. ތިން ފަށްވީމަ ދެން ކަން ކުރާންޖެހޭ ގޮތް އަޅުގަނޑު ހިތުން އެންމެނަށްވެސް އިނގޭނެ. ދެން ޖެހޭނީ ހަމަ އަލުން ފަށަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މަގާމުން ފައިބާވަޑައިގަތުމަށް ގޮވާލައްވަމުން ނަޝީދު ވިދާޅުވީ، ރައީސް މުޢިއްޒަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޤަދަރު އަދި މަގުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ. އަދި އެ ގޮނޑީގައި އިންނެވުމުގެ އެއްވެސް ޙައްޤެއް އެމަނިކުފާނަށް އޮތް ކަމަށް ދިވެހި ރައްޔިތުން މިހާރު ނުދެކޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ އެމް.ޑީ.ޕީ އިން ކުރި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ސަރުކާރު ތިން ފަހަރު ބަލިވިއިރު އެމް.ޑީ.ޕީ އިން ވަނީ ތަކުރާރުކޮށް ތިން އިންތިޚާބު ކާމިޔާބުކޮށްފައި ކަމަށެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ނާކާމިޔާބުވި ނަމަވެސް، އޭގެ ފަހުން އައި އިންތިޚާބުތައް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނަޝީދު ވާހަކަފުޅު ނިންމަވާލެއްވީ އެމް.ޑީ.ޕީގެ ޖޯޝާއި ރޫހު އަނެއްކާވެސް ރާއްޖޭގެ ރަށްތަކުން ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވަމުންނެވެ. މި ކާމިޔާބީއާއެކު ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 1
މަޖާ މަޖާ 0