ސިޔާސީ , ޚަބަރު

ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އިގްތިސޯދު ހަރުދަނާކޮށް ދިވެހިންނަކީ ގަދަރުވެރި ބަޔަކަށް ހެދުމަށް: ރައީސް ނަޝީދު

6 ޖޫން 2026 - 00:04
ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އިގްތިސޯދު ހަރުދަނާކޮށް ދިވެހިންނަކީ ގަދަރުވެރި ބަޔަކަށް ހެދުމަށް: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ދިވެހިންނަކީ ގަދަރުވެރި ބަޔަކަށް ހެދުމަށް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ތާއީދު ހޯދުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން،

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް ނިމެން ގާތްވެފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ މަސައްކަތްތައް ހުއްޓާލާފައެވެ. ކެމްޕޭނަށް ރާއްޖޭގެ 70 އަށް ވުރެ ގިނަ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، ގާތްގަނޑަކަށް %90 ނިމިފައިވާ މަޝްރޫއުތައް ހުއްޓިފައި ހުރި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ހާލަތު ސިފަކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، "ނަރުދަމާތައް އެބަހުރި ޖަންކްޝަންތަކުގައި މަތިއަޅާފައި. ކަރަންޓު ނަރުތައް އެބަހުރި ގޭގޭގެ ފާރުތަކުގެ މައްޗަށް ދިއްވެފައި. އިމާރާތްތައް އެބަހުރި ހަދަން ފަށައި، ފައިދަށްތައް އަޅައި ހިޔާނުކޮށް،" ކަމަށެވެ. މިގޮތަށް މަޝްރޫއުތައް ނުނިންމާ ދޫކޮށްލުމަކީ ދައުލަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރަނީގެ މައްސަލައާ މެދު ބުއްދިވެރިކަމާ އެކު އަމަލު ނުކޮށްފި ނަމަ ރާއްޖޭގެ އިގްތިސޯދު ނުރައްކަލަކަށް ވެއްޓި، ގައުމު ސަލާމަތް ނުކުރެވޭނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސޯދީ ހާލަތު ރަނގަޅު ނުކޮށްފި ނަމަ މިހާރު ފެންނަން ހުރި ތަރައްގީގެ ވަސީލަތްތައް އިސާހިތަކު ބީވެ ހިނގައިދާނެ ކަމަށެވެ.

މީގެ އިތުރުން، 2008 ވަނަ އަހަރު އެމްޑީޕީން ފުރަތަމަ ވެރިކަމާ ހަވާލުވި އިރު ވެސް، ކުރީގެ ސަރުކާރުން ނުނިމި ހުރި 32 މަޝްރޫއެއް އޮތް ކަމަށާއި، އެމަނިކުފާނު އެންމެ ފުރަތަމަ ވެސް އިސްކަން ދެއްވީ އެ މަސައްކަތްތައް ނިންމުމަށް ކަމަށް ހަނދާން އާކޮށްދެއްވިއެވެ. ނަޝީދު ވިދާޅުވީ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަކީ ސާބިތުކަމާއެކު ފައިހަރުކޮށްފައިވާ ގައުމަކަށް ހެދުމަށް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0