އަޅުގަނޑު ހޮވިއްޖެނަމަ މީކާއީލް ވެސް ހުންނަވަންވާނީ އަޅުގަނޑުގެ ފަހަތުގައި: ރައީސް ނަޝީދު
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް ގއ. ނިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ހޮވިއްޖެނަމަ މީކާއީލް ވެސް ހުންނަވަންވާނީ އެކުގައި މަސައްކަތް ކުރެއްވިޔަސް ފަހަތުގައި ކަމަށް ވިދާޅުވެއްޖެއެވެ.
ނިލަންދޫ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި، ޕާޓީގައި ވާދަވެރިކަން އޮންނާނެ ކަމަށެވެ. އަދި އިންތިޚާބެއްގައި އެކުގައި އިސް ސަފުގައި މަސައްކަތްކުރާ ބޭފުޅުން އިންތިހާބު ނިމޭއިރު ތިބޭނީ ކުރީގައި ކަމަށާއި، އެއީ އެކަމުގައި އިންސާފުވެރި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޖެއްސެވި މިސާލެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ، ޝައުނާ ފަދަ ބޭފުޅުން އަރިހުގައި ބައިންދައިގެން މަސައްކަތް ކުރައްވަން އުނދަގޫފުޅުވާނެ ކަމަށެވެ. އަދި މީކާއީލް ނަސީމް ފަދަ ބޭފުޅުން ވެސް ތިބޭނީ އެކީގައި ނަމަވެސް ކުޑަތަންކޮޅެއް ފަހަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީގެ ޖޯޝާއި ރޫހު އަދިވެސް ވަރަށް ވަރުގަދަކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި މި އިންތިޚާބު ނިމޭއިރު ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވަނީ ވާދަވެރި ސިޔާސީ ޕާޓީތަކަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ވާދަވެރި ޕާޓީތަކުގެ ނަންތައް ކިތަންމެ ވަރަކަށް ބަދަލުވި ނަމަވެސް، އެމްޑީޕީ އޮތީ ސާބިތުކަމާއެކު ކަމަށެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އިންތިޚާބު 160،000 ވޯޓާއެކު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.






ރިއެކްޓް