ސިޔާސީ , ޚަބަރު

ބޯޑަރު ކޮންޓްރޯލް ސިސްޓަމް ކޮރަޕްޝަނުގައި ރައީސް ބައިވެރިވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

9 ޖޫން 2026 - 17:35
ބޯޑަރު ކޮންޓްރޯލް ސިސްޓަމް ކޮރަޕްޝަނުގައި ރައީސް ބައިވެރިވި ވާހަކަ ސަރުކާރުން ދޮގުކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާން ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް މިއަދު މީޑިއާގައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައްމާން ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ޝައްމާންގެ މައްޗަށް ހުކުމް ކުރުމަށް ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޝަމްއާނު ވަނީ ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމާއި ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ރައީސްއަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ކުރައްވާފައެވެ. ޝައްމާން ތުހުމަތު ކުރެއްވި ގޮތުގައި، މިނިސްޓަރު އިހުސާން ވަނީ ބޯޑަރު ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް "ވިއްކާލާފަ" އެވެ.

މިއަދު ކޯޓަށް ވަނުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ "ރައީސް އަށް ހުރިހާ ކަމެއް އެނގި ހުރެ ފިޔަވަޅު ނޭޅުއްވުމަކީ ވެސް ކޮރަޕްޝަން" ކަމަށެވެ.

ޝައްމާން ވިދާޅުވި ގޮތުގައި މި މައްސަލަ ހުއްޓުވުމަށް މަސައްކަތް ކުރުމުން އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވިއެވެ. އަދި ރައީސް މުއިއްޒު އޭނާއާ މުއާމަލާތް ކުރައްވައި، މިކަމުގައި "ދެން އިތުރު ބަދަލެއް ނާންނާނެ" ކަމަށް ވިދާޅުވެ، މިކަމާ ގުޅިގެން އިތުރަށް މަސައްކަތް ނުކުރުމަށް އިންޒާރު ދެއްވި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން މި މައްސަލައިގައި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމްގެ ބައިވެރިވުން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިދޭސީންގެ ކޯޓާގެ މައްސަލައިގައި ޝައްމާން ވިދާޅުވީ، ކޯޓާއަކަށް 8,000 ރުފިޔާ އަދި ބަންގްލަދޭޝް މީހުންނަށް ހުއްދަ ދިނުމަށް މީހަކަށް 1,800 ޑޮލަރު ނަގަމުންދާ ކަމުގެ ހެކި ރައީސްއާ ހިއްސާކުރެއްވި ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ މިނިސްޓަރު އިހުސާން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ޝައްމާން މަސައްކަތް ކުރައްވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޝައްމާން ބުންޏެވެ.

ޝައްމާން އިތުރަށް ވިދާޅުވީ މި ހުރިހާ ކަމެއްގެ ހެކި އޭނާގެ ފޯނުގައި ހުންނާނެ ކަމަށާއި، ނަމަވެސް އެ ފޯނު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިކުރިޔަސް، ޖަލުން ސަލާމަތްވެގެން ނުކުންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށް ވިދާޅުވެ އޭނާ ވަނީ ޝުއޫރު ފާޅުކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0