އެމްޑީޕީގެ ޖޯޝާއި ރޫހު ރާއްޖޭގެ ރަށްތަކުން ފެންނަން ފަށައިފި، މިސްރާބު މި ހުރީ 2028 އަށް: ރައީސް ނަޝީދު
އެމްޑީޕީގެ ޖޯޝާއި ރޫހު އަލުން ރާއްޖޭގެ ރަށްތަކުން ފެންނަން ފަށާފައިވާ ކަމަށާއި މިސްރާބު ހުރީ 2028 އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވައި، ތާއީދު ހޯއްދެވުމަށް ގދ. ގައްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަމާއި ފުއްދުންތެރިކަން އިތުރުކުރުން ކަމަށެވެ. "އެ ތަނަވަސްވުމަށް އަޅުގަނޑުމެން މި ބޭނުންވަނީ ބޮޑު ބަދަލެއް ގެނެވެން، ފިޠުރަތުގެ އުސޫލަކީ ހެދިފޯދި ދިޔުން، ބަދަލުވުން، ބަދަލަކަށް އަބަދުވެސް އަޅުގަނޑުމެން އެދެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ އަބަދުވެސް ބަދަލުކުރީ އެމްޑީޕީން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ ބަދަލުކުރާނީ އެ ޕާޓީން ކަމަށެވެ. އަދި ރައްޔިތުން އެދޭ ފަދަ ރާއްޖެއެއް ހޯދައިދޭނީ އެމްޑީޕީން ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިންތިޚާބު ކުރުމުގެ މަސައްކަތުގައި ޕާޓީ މިހާރު ޝާމިލްވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ގައްދޫއަށް ކުރެއްވި މި ދަތުރުފުޅަކީ އެ އިންތިޚާބުގައި ވާދަކުރައްވާތީ ތާއީދު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެމަނިކުފާނު އިންތިޚާބު ކުރުމަށް ގައްދޫގެ ރައްޔިތުންގެ ކިބައިން ވޯޓަށް އެދިވަޑައިގެންފައެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަބޭފުޅުން އެ ވޯޓު އަޅުގަނޑުމެންނަށް ދެއްވުމަށް. އަޅުގަނޑަށް ދެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.






ރިއެކްޓް