ހިތަށްވީ ތަދަށްވުރެ ގައުމާއި ދަރިންގެ މުސްތަޤުބަލު މާ މުހިންމު: ފައްޔާޒު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އަމިއްލަ އިހުސާސްތަކާއި ހިތަށް ލިބިފައިވާ ތަދަށްވުރެ ގައުމާއި ދަރިންގެ މުސްތަޤުބަލު މާ މުހިންމު ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ކުރެވުނު ދަތުރުތަކުން އެމްޑީޕީގެ ތެރެއަށް އާ ރޫހަކާއި އާ ޖޯޝެއް އަންނަމުންދާ ތަން ފެންނަ ކަމަށެވެ. އަދި ރާއްޖެ މިއަދު އޮތް ހާލަތުން އަރައިގަނެވޭނީ އެމްޑީޕީ ވަރުގަދަވެގެންކަން އާންމު މެންބަރުން ގަބޫލުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، "އެ ބޭފުޅުންގެ ހިތަށްވީ ތަދަށްވުރެ އަޅުގަނޑުމެންގެ މުސްތަޤުބަލު، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލު ހޯދުން މާ މުހިންމު،" ކަމަށެވެ. އަދި އިހުސާސްތަކަށްވުރެ ބޮޑަށް ހަގީގަތާ ކުރިމަތިލައި، ޕާޓީ ވަރުގަދަކުރުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް އޭނާ ގޮވާލެއްވިއެވެ.
މި ވަގުތު ޕާޓީއަށް ބޭނުންވަނީ ރައްޔިތުންނަށް އުއްމީދެއް ގެނެސްދެވޭނެ ފަދަ ލީޑަރެއް ކަމަށާއި، އެކަން ކުރެވޭނީ ރައީސް މުޙައްމަދު ނަޝީދަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހި ގިނަ ރައްޔިތުން ބަލައިގަންނަ، އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް އިތުބާރުކުރާ ބޭފުޅެއް ކަމަށެވެ.
ވާހަކަ ކުރިއަށް ގެންދަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީގައި ގާބިލު މީހުން މަދު ނޫން ނަމަވެސް، ކޮންމެ ކޮންމެ މީހަކަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށެވެ. "މިއަދު އަޅުގަނޑުމެން މި ތިބީ ހާލުގައި. އަޅުގަނޑުމެން އަލުން ރުކުރުވާލައި، އަދި އެމް.ޑީ.ޕީގެ ބޭރުން ދިވެހި ރައްޔިތުން މި އޮތް އަނިޔާވެރިކަމުން ސަލާމަތްވާން, އަޅުގަނޑުމެން ވެއްޓެމުންދާ އަނދަވަޅުން އަޅުގަނޑުމެން ތެދުވުމަށް އެބަ ބޭނުންވޭ،" ފައްޔާޒް ވިދާޅުވިއެވެ.
މި ހާލަތުގައި އެމްޑީޕީ ހިފައިގެން ކުރިއަށްދާނެ އެހެން މީހަކު ރައީސް ނަޝީދު ނޫނީ ފެންނަން ނެތް ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ ޕާޓީގެ މެންބަރުން ރައީސް ނަޝީދަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދިލައްވާފައެވެ.






ރިއެކްޓް