ސަރުކާރުން އުނބަށްޖެހުން: ހެޔޮބަދަލަށް ފުރުސަތުދޭން ވަކިކުރި ނަސީރު އެޑްވައިޒަރަކަށް
ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ އުނބަށް ޖެހުމުގެ ޢާޢްމު އުސޫލުގެ ދަށުން ލޭންގުއޭޖް މިނިސްޓަރު ކަމުން ވަކިކުރި އާދަމް ނަސީރަށް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރެއްގެ މަޤާމަށް އައްޔަނުކޮށްފިއެވެ.
ނަސީރު އައްޔަނުކޮށްފައިވަނީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާއިން ރައީސް މުޢިއްޒަށް ލަފާއަރުވާ މުޝީރެއްގެ މަޤާމަށެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) "ވިރާސީ" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިސްތިއުފާދެއްވި އަދި ވަކިކުރި މިނިސްޓަރުން އެހެން މަޤާމުތަކަށް އައްޔަނުކޮށް ހަމަކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ. މިގޮތުން މިހާތަނަށް ތިން މިނިސްޓަރުންނަށް މަޤާމުދެވިފައިވާ ކަން މުންދު ފާހަގަކުރެއްވިއެވެ.
އާދަމް ނަސީރު ހިމެނޭހެން 10 މިނިސްޓަރުން އިސްތިއުފާ ދެއްވުމުން ރައީސް އޮފީހުގެ ފަރާތުން މުންދު އެއިރު ވިދާޅުވީ މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.
ރައީސް މުޢިއްޒު މިހާރު ވަނީ ސަރުކާރާއި ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް މަޤާމުން ވަކިކުރުމަށްފަހު އަލުން އެހެން މަޤާމުތައް ދެއްވުން އާދައަކަށް ހައްދަވާފައެވެ.






ރިއެކްޓް