ޝަމްއާން އެ ކިޔައިދިނީ މި ސަރުކާރުގެ އަސްލު ހަޤީޤަތް: ފަޔާ
ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާގެ ވަގު ވިޔަފާރިއާއި ގުޅޭގޮތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ދެއްކެވި ވާހަކަތަކަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ އަސްލު ހަގީގަތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ކުރީގެ ކޮންޓްރޯލަރު ޝަމްއާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވަމުން ގެންދެވި ޖަރީމާތަކެއްގެ މައުލޫމާތު މިއަހަރުގެ ޖެނުއަރީ 16 ގައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. ޝަމްއާން ތުހުމަތު ކުރެއްވި ގޮތުގައި ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާ އަދި އެޕްރޫވް ކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރު ނަގަމުންދާ ކަމުގެ ހެކި ރައީސަށް ހުށަހެޅުއްވިއެވެ.
ނަމަވެސް އެކަމާ ގުޅިގެން ރައީސް ދެއްވި ޖަވާބަކީ މިނިސްޓަރު އިހުސާނާ ދެކޮޅަށް ޝަމްއާން ޒާތީ ގޮތުން ކަންކަން ކުރައްވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިނިސްޓަރު ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ޝަމްއާން ބަޔާންކުރެއްވިއެވެ. "އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން،" ރައީސް ވިދާޅުވި ކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ.
ޝަމްއާންގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ފައްޔާޒު ވިދާޅުވީ "ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން،" ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި ކަމަށާއި އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފާހަގަކުރައްވަމުން ފަޔާ ވިދާޅުވީ އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް ކަމަށެވެ.






ރިއެކްޓް