ސޯބެގެ ކެމްޕެއިނަށް އިހްސާން ފަންޑުކުރި ކަމަށް ދެކެވޭ ވާހަކަ ފަލާހް ދޮގުކުރައްވައިފި
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި އިންތިހާބުވެވަޑައިގެންނެވި އަބްދު ސޯދިގު (ސޯބެ) ގެ ކެމްޕެއިނަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފަންޑު ކުރެއްވިކަމަށް ދެކެވޭ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ދޮގުކުރައްވައިފިއެވެ.
ސޯބެގެ ކެމްޕެއިނަށް އިހުސާން ފަންޑުކުރިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން "ވިރާސީ" އިން ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވަމުން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ނުބައި ފިތުނަތައް އުފައްދަން ކިތަންމެ މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އިހުސާނަކީ ރައީސް މުއިއްޒުއާއި ޕާޓީއަށް ދުވަހަކުވެސް ދެގޮތެއް ނުވާނެ ވަރަށް ވަފާތެރި ވަރުގަދަ ލީޑަރެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ ބައިއިލެކްޝަންގައި ސޯބެ މޮޅުވެފައިވަނީ 62 ވޯޓުންނެވެ. ސަރުކާރުގެ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެމްޕެއިންގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސޯބެގެ ކެމްޕެއިނަށް އިހުސާން ވަނީ ހަރަދުކުރައްވާފައެވެ.
މިގޮތަށް ތުހުމަތު ކުރެވޭ އެންމެ ބޮޑު ސަބަބަކީ އިހުސާން އެ ކެމްޕެއިނާއި ދުރުގައި އުޅުއްވުމަށް ރައީސް މުއިއްޒު އަންގަވާފައިވާތީ, އިހުސާންއާއި ނުލާ އައްޑޫގައި އިންތިހާބެއް ކާމިޔާބުވާން އިހުސާން އެދިވަޑާއި ނުގަންނަވާތީކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
0
ލޯބި
0
މަޖާ
1





