މި އިންތިހާބުގައި ވާދަކުރައްވަނީ މީކާއިލަކާ ނޫން، ވާދަކުރައްވަނީ ސަރުކާރާ: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނު ހަގީގަތުގައި ވާދަކުރައްވަނީ މީކާއިލް ނަސީމާ ނޫން ކަމަށާއި ވާދަކުރައްވަނީ ސީދާ ޕީއެންސީއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރޭ ސަންގުޓީވީގެ "ހެލޯ އަންނި" ޝޯވްގައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިހާބު ގެއްލުވާލުމަށްޓަކައި ޕީއެންސީން ކުރަމުންދާ މަސައްކަތްތައް މާ ބޮޑު ކަމަށާއި، ރައީސް މުއިއްޒާއި ޕީއެންސީން އެކަމަށް އުޅޭ މިންވަރު މީކާއިލްއަށްވުރެ މާ ބޮޑު ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
އިންތިހާބުން ބަލިވެއްޖެ ނަމަ މުންޑު އަނދެގެން ގޭގައި އޮންނަވާނެ ކަމަށް ކުރިން ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ޑިމޮކްރަސީއެއްގައި ބަލިވާ މީހާ މާ ބޮޑަށް ގަދަދައްކައިގެން އުޅެން ނުވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އިންތިހާބުން ބަލިނުވާނެކަން ޔަގީންވާ ކަމަށާއި، އެހެންކަމުން "އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނީ، އެއްގޮތަކަށްވެސް ބޭރަށް ނުކުމެ އުޅުއްވައިގެން ނުވާނެ" ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގައި ތިބީ ސިޔާސީ ގޮތުން ހޭލުންތެރި، ތަންދޮރު ދަންނަ ބައެއް ކަމަށެވެ.
ޕީއެންސީއަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެ ޕާޓީއަކީ ވަކި ސިޔާސީ ސްޓްރެޓެޖީއެއް ނުވަތަ ވިސްނުމެއް އޮވެގެން ހިންގާ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު އެމްޑީޕީގެ ކިބައިން ބައެއް ކަންކަން ޕީއެންސީން ދަސްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.






ރިއެކްޓް