އެމްޑީޕީ މުޒާހަރާގައި ބައިވެރިވި އަށް މީހެއްގެ ޝަރީޢަތް ބުދަ ދުވަހު ފަށަނީ
ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އަށް މީހެއްގެ މައްޗަށް ހިންގާ ޝަރީއަތް ކުރިއަށް އޮތް ބުދަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގައެވެ.
ދައުވާ ލިބޭ މީހުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ހުޅުމާލެ އުތުރު ކައުންސިލަރު ފާތިމަތު ޒަހިއްޔާ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އައިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު، އަދި ހުސައިން ރަޝީދުގެ މައްޗަށް ވެސް މި ދައުވާ ވަނީ އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މިހާރު ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން ފަށާފައެވެ.
އެމްޑީޕީން އިންތިޒާމުކުރި މި މުޒާހަރާ އާޓިފިޝަލް ބީޗުން ފެށުމަށްފަހު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރުމުން، ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން އެ ހަރަކާތަށް ހުރަސް އަޅާފައެވެ. މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ބާރުގަދަ އަޑު ނެރޭ ހަތިޔާރާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.
އެ ރޭގެ މުޒާހަރާގެ ތެރެއިން ޖުމްލަ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އޭރު ކޯޓުން އަމުރުކުރިއެވެ. މި މައްސަލައިގެ ޝަރީއަތް މި ފެށެނީ މުޒާހަރާ ބޭއްވިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.






ރިއެކްޓް