މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ނަގައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.
މި ކާމިޔާބީއާއެކު މީދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މިހާރު ވަނީ ޕީއެންސީއަށް ލިބިފައެވެ.
މި އިންތިޚާބުގައި ސުހާއާ ވާދަކުރެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1,049 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 985 މީހުން ވަނީ ވޯޓުލާފައެވެ. ކަށަވަރުވެފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ އިންތިޚާބު ކާމިޔާބުކުރެއްވީ 80 ވޯޓުގެ ތަފާތުންނެވެ.
ވޯޓުގެ ތަފްސީލަށް ބަލާއިރު، ސުހާއަށް ޖުމްލަ 529 ވޯޓު ލިބިވަޑައިގެންނެވިއިރު، ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. އިންތިޚާބުގައި ބެހެއްޓި ތިން ފޮށީގެ ތެރެއިން ކޮންމެ ފޮއްޓަކުން ވެސް ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. މި އިންތިޚާބުގައި ބާތިލް ވޯޓުގެ ގޮތުގައި ހަތް ވޯޓު ހިމެނެއެވެ.
މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަލުން މީހަކު ހޮވަން ޖެހުނީ، މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކާ ގުޅިގެންނެވެ. އެ ފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާނުކުރި ގޮތުގައި ސުހާ އިންތިޚާބު ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެއީ ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބިގެންނެވެ.






ރިއެކްޓް