ސިޔާސީ , ޚަބަރު

މި އަހަރު ނިމޭއިރު ޑޮލަރުގެ އަގު 30 ރުފިޔާއަށް އަރާނެ: ރައީސް ނަޝީދު

9 ޖޫން 2026 - 13:59
މި އަހަރު ނިމޭއިރު ޑޮލަރުގެ އަގު 30 ރުފިޔާއަށް އަރާނެ: ރައީސް ނަޝީދު

މި އަހަރު ނިމޭއިރު ރާއްޖޭގައި ޑޮލަރެއްގެ އަގު 30 ރުފިޔާއަށް އުފުލިގެންދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ތާއީދު ހޯއްދެވުމަށް ނ. ކެނދިކުޅުދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ގޮތުން، ރައްޔިތުންގެ އާމްދަނީ އިތުރުނުކޮށްދެވިއްޖެ ނަމަ ގައުމު ފަގީރުކަމުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 120 އިންސައްތައަށް އަރާފައިވާކަން ފާހަގަކުރައްވައި، އެ ދަރަނި އަނބުރާ ދެއްކުމަށް މިހާރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، މިހާރު ގެންގުޅޭ ސިޔާސަތަކީ ރައްޔިތުންގެ ޖީބުން ފައިސާ ނަގައިގެން ބޭރުގެ ދަރަނި ދެއްކުން ކަމަށެވެ. މީގެ ސަބަބުން ޓެކްސްތައް ބޮޑުވެ، ލިބޭ ޑޮލަރުކޮޅު ދަރަނި ދައްކަން ހިފަހައްޓަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޑޮލަރުގެ ތަދުމަޑުކަމާ އެކު މިހާރުވެސް އަގު 20 ރުފިޔާއިން މަތީގައި ހުރި އިރު، އަހަރު ނިމޭއިރު އެ އަދަދު 30 އަށް އަރާނެ ކަމަށް ލަފާކުރެއްވިއެވެ.

"ލިބޭ ޑޮލަރުކޮށްޅު ހަމައެކަނި ދަރަނި ދައްކަން ޚަރަދުކުރާތީވެ، ޑޮލަރު މަދުވެ، ޑޮލަރުގެ އަގު ބޮޑުވެ، މިހާރު އެހުރީ 20 -25 ރުފިޔާއަށް އަރަނީ. މި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޑޮލަރުގެ އަގު ތިރީހަކަށް ރުފިޔާއަށް އަރާނެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު ބޮޑުވުމުން ބޭހާއި އެހެނިހެން ޒަރޫރީ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވިއެވެ. ރާއްޖެއަކީ މެދު އާމްދަނީގެ ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް، މި ހާލަތުގެ ސަބަބުން އަނެއްކާވެސް ފަގީރު ގައުމުތަކުގެ ސަފަށް ރާއްޖެ ކައްސާލައިގެން ހިނގައިދާނެ ކަމަށާއި، އެއީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމްރާނީ މަޝްރޫޢުތަކަށް ކުރާ ޚަރަދުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ބޭރު ތޮއްޓާއި އެއްގަމު ތޮށިލުމަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑު ކަމަށެވެ. "ބަލާ އެހެރީ ނޫންތޯ ބޭރު ތޮށްޓެއް. އޭގެ މީޓަރެއް، އެއީ ތިނެއް ފޫޓު. އެއީ ހަތަރު ހާސް ޑޮލަރު. އެއީ އައްޑިހަހާސް ރުފިޔާ އަށް މީޓަރެއް. މީހިރީނޫންތޯ އެއްގަމު ތޮށްޓެއް. އޭގެ މީޓަރެއް އެއީ ތިން ހާސް ޑޮލަރު. މިހާރު މި ދެ ތަން އެއްކޮށްލީމަ ހަތް ހާސް ޑޮލަރު މި ތަނަކަށް،" ނަޝީދު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0