ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ: ނަޝީދަށް %69 ވޯޓު
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ހުކުރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ނަޝީދަށް 68.9 ޕަސެންޓު ވޯޓު ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނާ ވާދަކުރެއްވި މެންބަރު މީކާއީލް އަހުމަދު ނަސީމަށް ލިބިވަޑައިގެންނެވީ 30 ޕަސެންޓު ވޯޓެވެ.
އެމްޑީޕީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ޖުމްލަ 30,895 މީހުން ވޯޓުލާފައިވެއެވެ. މީގެ ތެރެއިން 21,301 މީހުން ނަޝީދަށް ވޯޓު ދީފައިވާއިރު، މީކާއީލްއަށް ލިބިވަޑައިގެންނެވީ 9,462 ވޯޓެވެ. އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅުމަށްފަހު ފަހުން މީކާއީލްއަށް ތާއީދުކުރެއްވި އިބްރާހިމް މުހައްމަދު (ވާޑު) އަށް 132 ވޯޓު ލިބިފައިވާއިރު، 234 ވޯޓު ވަނީ ބާތިލްވެފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 50,176 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 61.5 ޕަސެންޓު މީހުން ވަނީ ވޯޓުލާފައެވެ. މިއީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ބަލާއިރު ފާހަގަކޮށްލެވޭ ފަދަ މަތީ ވޯޓާސް ޓާންއައުޓެކެވެ.
އިންތިހާބުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ރަށުގެ ވޯޓުތައް ވަނީ ބާތިލްކޮށްފައެވެ. އެ ފޮށްޓަށް ވޯޓުލުމަށް 84 މީހަކު ރަޖިސްޓްރީކޮށްފައިވާއިރު، އަލުން ވޯޓުލުން ބާއްވާނެ ތާރީހެއް ޕާޓީން އަދި އިއުލާނެއް ނުކުރެއެވެ.
ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އިއްޔެ އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އިންތިހާބަށްފަހު ނަޝީދު ވަނީ މީކާއީލްއާ ވާހަކަދައްކަވައި، ޕާޓީގެ ކުރިމަގުގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.






ރިއެކްޓް