އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި: ފަޔާ
އެމްޑީޕީގެ މެންބަރުން ތިބީ ގައުމަށް ބޮޑު ބަދަލެއް ގެނައުމަށް ތައްޔާރަށްކަން މިއަދު ބޭއްވި އިންތިހާބުން ސާބިތުކޮށްދީފި ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ އާންމު މެންބަރުންނަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ، ލިބުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅި ރާއްޖޭގައި އެމްޑީޕީގެ "ރީނދޫ ލަޝްކަރު" ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރެއްވި ހުރިހާ ޓީމުތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންތިހާބުގައި ވޯޓު ދެއްވި މެންބަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވަމުން ފައްޔާޒު ވިދާޅުވީ، "މިއަދު ތި ސާބިތުކޮށްދެއްވީ މި ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ، މި ޕާޓީގެ ވިންދަކީ ތިޔަ ބޭފުޅުންކަން،" ކަމަށެވެ. މެންބަރުން މިއަދު ދެއްވި ވޯޓަކީ ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ ބޮޑަށް ދިވެހިރާއްޖެ އިސްކޮށްގެން ދެއްވި މުހިންމު ވޯޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި އޭނާގެ ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ފައްޔާޒު ވަނީ ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދެން އޮތް އެންމެ މުހިންމު މަސައްކަތަކީ އެންމެން އެކުގައި ނުކުމެ މިހާރު އޮތް ސަރުކާރު ބަލިކުރުން ކަމަށާއި، ބަދަހި ސަފުތަކަކާއެކު އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް މެންބަރުން ދެއްވި ވޯޓާއެކު ރާއްޖެއަށް "ބޮޑު ބަދަލު" ގެނައުމުގެ މަސައްކަތް މިއަދު މިވަނީ ފެށިފައެވެ. އޭނާގެ ޕޯސްޓު ނިންމާލާފައިވަނީ އެމްޑީޕީ ކުރިއަށް ދާނެ ކަމުގެ ޔަގީންކަމާއެކުގައެވެ.






ރިއެކްޓް