ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ހިފައިގެން މީހަކު ފިލައިފި
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ހިފައިގެން މީހަކު ފިލައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެ ރަށުގައި ވޯޓުލުން މެދުކަނޑާލާފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކުރިމަތިވީ ފީއަލީގައި ގެންގުޅޭ ވޯޓާސް ލިސްޓުގެ މައްސަލައިގައެވެ. އެ ރަށުގެ ބައެއް މީހުން ބުނަމުންދަނީ ވޯޓުލާ މަރުކަޒުގައި ގެންގުޅެނީ އެމްޑީޕީން އާންމުކޮށްފައިވާ ރަސްމީ ލިސްޓު ނޫން ކަމަށެވެ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ހިފައިގެން މީހަކު ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
ފީއަލީގެ އިތުރުން ގދ. ފިޔޯރީގައި ވެސް ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި މީހަކު ވަނީ ފަޅާލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ ވޯޓު ފޮށި ފަޅާލީ ފާހެއް ނެތި ވޯޓު މަރުކަޒުގައި މަޑުކުރުމުގެ ހުއްދަ ނުލިބުމުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ މީކާއީލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 50,176 މީހުންނަށް ލިބިގެންވެއެވެ. ވޯޓުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއިން ބޭރުގައި (ސްރީލަންކާގައި) ޖުމްލަ 241 ވޯޓު މަރުކަޒު ވަނީ ގާއިމްކޮށްފައެވެ.
އިއްޔެ އިތުރުކުރި 30 މިނެޓާއެކު، ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެއެވެ. ވޯޓުލާ ނިމުމާއެކު ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީއަކީ ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.






ރިއެކްޓް