ސިޔާސީ , ޚަބަރު

މުއިއްޒަކީ ބޭވަފާތެރިއެއް، ދިވެހިން ބަލައެއް ނުގަންނާނެ: ރައީސް ނަޝީދު

11 ޖޫން 2026 - 09:40
 1
މުއިއްޒަކީ ބޭވަފާތެރިއެއް، ދިވެހިން ބަލައެއް ނުގަންނާނެ: ރައީސް ނަޝީދު
ފޮޓޯ: ސަންގު ޓީވީ

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިންތިހާއަށް ބޭވަފާތެރި ބޭފުޅެއްކަމަށާއި، ދިވެހިންނަކީ ބޭވަފާތެރިން ބަލައިގަންނަ ބައެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހެލޯ އަންނި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމީންގެ "ހުސްގޮނޑި" ދައްކަވައިގެން ކަމަށާއި، އެހެންކަމުން މިހާރު މުއިއްޒުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ކަން ހިނގާދިޔަ ގޮތަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ޣައްސާން މައުމޫނަށް ފުރުސަތު ނުލިބުމުން މުއިއްޒު ނުކުމެ އާދަމް ޝަރީފާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ ބޭވަފާތެރި ގޮތަކަށް ކަމަށެވެ. "ގައްސާން ލައްވާ ޕީޕީއެމް އުވާލައްވާފައި ގައްސާން އެ ވަކިކުރެއްވީ. މިއަށް ވުރެ ބޭވަފާތެރި ވެވޭނެ ގޮތެއް ނެތް. ދިވެހިން ބަލައިގަންނަ ކަމެއް ނޫން އެއީ ބޭވަފާތެރި ކަމަކީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ސިޔާސީ ގޮތުން މިފަދަ އަމަލުތައް ކުރާތީ މިހާރު ޕީއެންސީގެ އެތެރެއިންވެސް ރައީސް މުއިއްޒަށް އޮތް ތާއީދު ވަނީ ގެއްލިފައެވެ. އަދި ކުރިއަށް އޮތް ޕާޓީ ކޮންގްރެސްގައި އެމަނިކުފާނު ޕާޓީން ވަކިކުރުން އެކަށީގެންވާ ކަމަށާއި، ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ތިއްބެވީ ޕާޓީ ބަދަލުކުރަން ތައްޔާރަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން، މުއިއްޒުގެ ވެރިކަން މި އަހަރުގެ ތެރޭގައި ބަދަލުކުރާނެ ކަމުގެ އިޝާރާތެއްވެސް އެމަނިކުފާނު ކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުން ޓެކްސް މައްޗަށް ޖައްސައި ސަބްސިޑީތައް ކަނޑާލަމުންދާ ކަމަށެވެ. މީގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، "މިގޮތަށް މިކަން ދާނަމަ މި އަހަރު ނިމޭއިރު ޑޮލަރެއް 30 ރުފިޔާއަށް ދާނެ" ކަމަށެވެ. އަދި ރާއްޖެ އަނެއްކާވެސް ފަގީރު ގައުމުތަކުގެ ލިސްޓަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ، ގައުމަށް ދިމާވެފައިވާ މި ހާލަތުން ސަލާމަތްވުމަށް އޮތް ހައްލަކީ އެމްޑީޕީ ވަރުގަދަވުން ކަމަށެވެ. އެމަނިކުފާނު ބަލިކުރުމަށް ޕީއެންސީންނާއި ރައީސް މުއިއްޒު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، އިންތިހާބު 100 ޕަސެންޓު ޔަގީންކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ. "އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑުން އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ،" ކަމަށް ވިދާޅުވެ ނަޝީދު ވަނީ ރައީސް މުއިއްޒަށް ވަރުގަދަ ބަހުގެ ހަމަލާއެއް ރައްދުކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0