ސިޔާސީ , ޚަބަރު

ރައީސް ނަޝީދަށް މަރުހާބާކިޔަން ފަރެސްމާތޮޑާއިން ނުކުތް އާރުޑީސީ މުވައްޒަފެއްގެ ވަޒީފާ ބާރަށަށް ބަދަލުކޮށްފި

11 ޖޫން 2026 - 12:45
ރައީސް ނަޝީދަށް މަރުހާބާކިޔަން ފަރެސްމާތޮޑާއިން ނުކުތް އާރުޑީސީ މުވައްޒަފެއްގެ ވަޒީފާ ބާރަށަށް ބަދަލުކޮށްފި
ރައީސް ނަޝީދު ފަރެސްމާތޮޑާގައި، ފޮޓޯ: ވިރާސީ

ރައީސް މުހައްމަދު ނަޝީދަށް މަރުހާބާކިޔުމަށް ގދ. ފަރެސްމާތޮޑާއިން ނުކުތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފަކު، ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. ބާރަށު ސައިޓަށް ބަދަލުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ "ސައިޓް ބަދަލު ކުރެއްވިކަން އަންގާ ލިޔުން" އިން ފެންނަ ގޮތުގައި، ފަރެސްމާތޮޑާ ސައިޓުގައި ސުޕަވައިޒަރެއްގެ މަގާމުގައި ހުރި މި މުވައްޒަފު ބާރަށު ސައިޓަށް ބަދަލުކުރި ނަމަވެސް، އޭނާގެ މަގާމަކަށް، ޑިޕާޓްމެންޓަކަށް، ރޭންކަކަށް ނޫނީ މުސާރައަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

މި ލިޔުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ، "އެމީހަކު ތާއިދު ކުރާމީހަކަށް މަރުހަބާ ކިޔުމުން، މިގޮތައް އަރުވާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ބަދަލު ހިފުމުގެ ރޫހުން ލޯބި ނުހޯދޭނެ،" ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ރައީސް މުއިއްޒަށް ފެންނާނެ ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައި ތާއީދު ހޯއްދެވުމަށް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުހަބާ ކިޔަން ނުކުންނަމުންނެވެ. ނަމަވެސް، މަރުހަބާ ކިޔަން ނުނުކުތުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ.

މީގެ ކުރިންވެސް ބައެއް ރަށްރަށުން ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނުކުތް މުވައްޒަފުން ސަސްޕެންޑުކޮށް، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. މިފަދަ ފިޔަވަޅުތަކަކީ ސިޔާސީ ބަދަލުހިފުމުގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0