ސިޔާސީ

ސިޔާސީ ވިސްނުން ތަފާތުވުމުން ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ބުރާސްފަތި ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

16 ޖޫން 2026 - 15:55
ސިޔާސީ ވިސްނުން ތަފާތުވުމުން ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް ބުރާސްފަތި ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިންގަމުން އަމަލުތައް ހުއްޓާލުމަށް ގޮވާލާ "ވަޒީފާ ބުރާސްފަތި" ނަމުގައި އެމްޑީޕީން މުޒާހަރާއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ 8:00 ގައި މާލޭ ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މި މުޒާހަރާއަކީ ރައީސް ނަޝީދު އެމްޑީޕީގެ ހުންގާނާއި ހަވާލުވުމަސްފަހު ހިންގަވާ ފުރަތަމަ ސިޔާސީ ހަރަކާތެވެ. ނަޝީދު ވަނީ ޗެއާޕާސަން ކަމަށް އިންތިޚާބު ކާމިޔާބުކުރައްވައި ތާއީދުކުރާ ފަރާތްތަކާއި ދެއްކެވި ވާހަކަފުޅުގައި މުވައްޒަފުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނަވާނެކަން އިއުލާންކުރައްވާފައެވެ.

ދާދި ފަހުން ނިމިގެންދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީގެ ކެނޑިޑޭޓުގެ ކެންޕޭނުގައި މަސައްކަތްކުރި 10 މީހަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެ އިންތިޚާބުގެ އެމްޑީޕީ ކެނޑިޑޭޓް ސޯބެ ވިދާޅުވެފައިވާއިރު، ޤާނޫނުން ލިބެންޖެހޭ ހައްޤުތަކެއް ނުލިބުމުން އިހުތިޖާޖުކުރި ވެމްކޯގެ މުވައްޒަފުންތަކެއްވެސް ވަނީ ދާދިފަހުން ވަކިކޮށްފައެވެ. އަދި މީގެ އިތުރުން ރައީސް ނަޝީދުގެ ޗެއާޕާސަން ކެންޕޭން ހަރަކާތުގައި ބައިވެރިވި ބައެއް މީޙުންވެސް ވަޒީފާއިން ސަސްޕެންޑުކޮށް ބައެއް ފަރާތްތައް ވަޒީފާއިން ވަކިކޮށްފާިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެމްޑީޕީން އިސްވެ ކުރާ މި މިޒާހަރާގެ ޕޯސްޓަރު އިވެންޓެއް މިއަދު ހަވީރު ބާއްވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕޯސްޓަރު އިވެންތު ފެށޭނީ މިއަދު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގެއިންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0