ސިޔާސީ

އަޅުގަނޑަށް ތާއީދުކުރާ ފަރާތްތައް ވޯޓާސް ލިސްޓުން ވަނީ އުނިކޮށްފައި: މީކާއީލް

12 ޖޫން 2026 - 19:11
އަޅުގަނޑަށް ތާއީދުކުރާ ފަރާތްތައް ވޯޓާސް ލިސްޓުން ވަނީ އުނިކޮށްފައި: މީކާއީލް

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓާސް ލިސްޓުން މީކާއީލް ނަސީމަށް ތާއީދުކުރާ ފަރާތްތައް އުނިކޮށްފައިވާކަމަށް މީކާއީލް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އެއް ކެނޑިޑޭޓް މީކާއީލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ ސީރިއަސް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށާއި އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތައް ވޯޓާސް ލިސްޓުން އުނިކޮށްފައިވާކަމަށެވެ. 

މީކާއީލް ވިދާޅުވީ، އޭނާއަށް ކާމިޔާބު ލިބޭނެ ކަމަށް ބެލެވޭ ރަށްރަށުގައި މަންދޫބުންނަށް ފާސްދިނުން ލަސްކުރުމާއި، ފ. ފީއަލީގެ ވޯޓާސް ލިސްޓުން އޭނާއަށް ތާއީދުކުރާ ގިނަ ބައެއްގެ ނަންތައް އުނިކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގެ ވޯޓު ފޮއްޓާ ހަވާލުވެ ހުރި ފަރާތުން އަމިއްލަ ލިސްޓެއް ގެންގުޅެމުންދާ ކަމުގެ ތުހުމަތުވެސް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން، މިއަދު ހަވީރު 4:30 ހާއިރު ފީއަލީގައި ބެހެއްޓިފައި ހުރި ވޯޓު ފޮށި، އެ ފޮއްޓާ ހަވާލުވެ ހުރި ފަރާތުގެ ގެއަށް ގެންގޮސް، އަމިއްލަ ބޭނުމަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ގދ. ހިޔޯރީގައި ވޯޓު ފޮށި ފަޅާލާފައިވާ ކަމަށާއި، އެކަން އިސްލާހު ނުކޮށް މަންދޫބުންނަށް ފުރުސަތު ނުދީ ވޯޓު އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއެންމެހާ ކަމަކީ މި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ އަދި އިންތިޚާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ހުރަހަކަށް ވެދާނެ ކަންކަން،" މީކާއީލް ވިދާޅުވިއެވެ. އޭނާ ވަނީ އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށް ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މީކާއީލް ފާހަގަކުރެއްވި ގޮތުގައި، އިންތިޚާބުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޕާޓީ އޮފީހުން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ކެންޑިޑޭޓުގެ ފަރާތުން ރޭވިގެން ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1