ސަރުކާރާއި ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ނިންމައިފި
ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް މެދުކަނޑާލައި، ސިޔާސީ ގޮތުން ބިރުދެއްކުން އިތުރުވަމުންދާ ކަމަށް ބުނެ، ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
މިކަމާ ގުޅޭ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައި ވަނީ ފާސްކޮށްފައެވެ.
މި ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ މައްސަލައެވެ. އެގޮތުން، ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.
ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ދައުލަތަށް ލާޒިމުކުރާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން 2025 އަށް ނިންމަންޖެހޭ މަސައްކަތްތައް ނުނިމޭނެތީ، ގާނޫނަށް ބަދަލު ގެނެސް އެ މުއްދަތު 2027 އަށް ސަރުކާރުން ދަންމާލާފައިވާ ކަމަށް ވެސް ގަރާރުގައި ފާހަގަކުރެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާ ވެސް ގަރާރުގައި ހިމަނާފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން އެއްވެސް އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރަމުންދާ ކަމަށް މިރޭގެ ޖަލްސާގައި ވާހަކަދެއްކި ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކޮށްފައެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުންހިފާ ރައްޔިތުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަން ފަށާފައިވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސީދާ ހަރަކާތަށް ނިކުތުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.






ރިއެކްޓް